ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު، ސަން ސިޔާމް
ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު، ސަން ސިޔާމް
ދައުލަތުގެ ހަރަދުތައް 40 އިންސައްތަ ކުޑަކުރަން ޖެހޭ ކަމަށާއި، މިހާރު ރާއްޖެ މިއޮތީ ވަރަށް ދަތި ޙާލުގައި ކަމަށް މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ، ރާއްޖެ މިހާރު އޮތީ ވަރަށް ދަތި އިގްތިސާދީ ހާލަތެއްގައި ކަމަށާއި މިހާލަތުން އަރައިގަތުމަށްޓަކައި ހަރަދު ކުޑަކުރުން މުހިންމު ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ތިބީ ވަރަށް ދަތި ހާލުގައި،" ސިޔާމް ވިދާޅުވި އެވެ.

އެގޮތުން ބަޖެޓު ހެދުމުގައި އެންމެ އިސްކަންދޭންޖެހޭ ކަމަކީ ބަޖެޓުގެ ހަރަދުތައް ބެލެންސް ކުރުންކަން ސިޔާމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޚަރަދު ބޮޑުވާނެ ގޮތަށް ކަންކަން ކުރުމަކީ ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށާއި، މިފަދަ ކަންކަން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި އެންބަސީތަކަށް ކުރާ ޚަރަދުގެ ބޮޑުބަޔަކީ އިސްރާފު ކަމަށާއި، އެންބަސީތަކުން ރާއްޖެއަށް ލިބޭ މާނަވީ ފައިދާއެއް ނުފެންނަ ކަމަށެވެ.

އަދި މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު މިހާރު ވިޔަފާރިތަކަށް ކޮމާޝަލް ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓު ބޮޑުވެފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 7 އިންސައްތަ އާއި 8 އިންސައްތައާ ދޭތެރޭގައި ނަގަމުން އައި އިންޓަރެސްޓު މިހާރު 10 އިންސައްތައާ 12 އިންސައްތައަށް ބޮޑުވެފައިވާ ކަމަށެވެ.

"އަޅުގަނޑު ބޭނުންވޭ ދައުލަތުގެ ޚަރަދު މިހާރު ހުރި ވަރަށްވުރެ ގާތްގަނޑަކަށް 40 ޕަސެންޓު ކުޑަކުރަން. އެއީ ސަބަބަކަށް ވަނީ އަޅުގަނޑުމެންގެ މި ވަގުތު މި ހުރި ލިބޭ ފައިދާއަށް ބަލައިލާއިރުގައި އަޅުގަނޑުމެން ކުރަންޖެހޭ ޚަރަދަކީ ލިބޭ އެއްޗަކާ އެއްވަރުގެ ޚަރަދަކަށް ވާއިރުގައި އަޅުގަނޑުމެންނަކަށް އިތުރު އެއްވެސްކަމެއް ރިޒާވެއް ކުރެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެންގެ ރިޒާވް މި އޮތީ ވަރަށް ދަށުގައި. އެހެންވީމާ މި ރިޒާވް އަޅުގަނޑުމެން ހަމަޖައްސާކަމުގައިވާނަމަ އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންގެ ޚަރަދުތައް ކުޑަކުރަން." ސިޔާމް ވިދާޅުވިއެވެ.

އޭގެއިތުރުން ސިޔާމް ވިދާޅުވީ، އަންނަ އަހަރު ބިލިއަން ރުފިޔާގެ ލޯނު ދައްކަން ޖެހޭއިރު އެރުފިޔާ އަދި ނުލިބޭ ކަމަށާއި، އެކަން ކުރަން ޖެހެނީ އިތުރު ބޮންޑު ވިއްކައި ލޯނު ނަގައިގެން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް