ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް
ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު، އެމްޑީޕީގެ ވެރިކަމުގައި އުވާނުލައި ބޭއްވުމަކީ އެމްޑީޕީން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް، އެ ޕާޓީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިހެން ވިދާޅުވީ، އެ ގާނޫނު އުވާލަން އޭނާ މަޖިލީހަށް ހުށަހަޅުއްވާފައި އޮތް ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތްއިރު އެ ގާނޫނު އުވާލަން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު ޕާކުކޮށްފައި ބޭއްވުމަކީ ގޯހެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މިއަދު އެކްނޮލެޖް ކުރަން އިއްޒަތްތެރި ރައީސް. ހެދުނު ވަރަށް ބޮޑު ގޯހެއް،" މީކާއިލް ވިދާޅުވިއެވެ.

ހަމައެއާއެކު މީކާއިޅް މިއަދު ވިދާޅުވީ، އެއްވެ އުޅުން މަނާކުރާ ގާނޫނު ވުޖޫދުގައި އޮތުމުން މި ސަރުކާރުން ތިން މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ދައުވާ ކުރަން ނިންމި ކަމަށެވެ. ނަމަވެސް އޮކްޓޯބަރު 3 ގައި އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރާން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުއްލިއަކަށް ނިންމީ މިއަދު މި ބިލަށް ބަހުސް ކުރާތީ ކަމަށް މީކާއިލް ވަނީ ތުހުމަތުކުރައްވާފައެވެ.

"ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މަރުހަބާ ދަންނަވަން މި ބިލު އެޖެންޑާ ކުރެވުނު ހިސާބުން ނަމަވެސް. އެ ބޭފުޅުންނަށް ހެއްދެވުނު ގޯސް ފާހަގަވެ އެ ދައުވާ އަނބުރާ ގެންދިޔަކަން އެއީ އަޅުގަނޑުމެން އުފާކުރާ ކަމެއް،" މީކާއިލް ވިދާޅުވިއެވެ.

މީކާއީލް މިހެން ވިދާޅުވެފައިވާއިރު، ހޯމް މިނިސްޓްރީއިން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ގާނޫނު ފާސްކުރީ އޯގަސްޓް 17، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ހޯމް މިނިސްޓްރީން އޭރު ކަނޑައަޅާފައި އޮތީ ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނީ ހަމައެކަނި މާލޭގެ ކަނިވާ ސަރަހައްދަށް ކަމަށެވެ.

އެޤާނޫނު އުވާލުމަށް ވަޢުދުވެގެން ވެރިކަމަށް އައި ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުމާ ހަމައަށް ވެސް އެ ގާނޫނު އުވާލައިފައެއް ނުވެއެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެ ގާނޫނު އުވައިލާނެ ކަމަށް މިހާރުގެ ބަންޑާރަނައިބު، އަހުމަދު އުސާމް އޭރު މަޖިލީހުގައި ވިދާޅުވި އެވެ. ހަމައެއާއެކު ރައީސް މުޢިއްޒުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެ ގާނޫނު އުވައިލަން ހިމަނާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް