ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ޤާނޫނުއަސާސީއާ ނުކުޅެ ވެރިކަންކުރަން އެންމެންވެސް ދަސްކުރަން ޖެހޭ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ޑްރާފްޓުކުރީ ދިވެހި ރާއްޖޭގެ ޒަމާންވީ ޑިކްޓޭޓާޝިޕް ނިމުމަކަށް ގެނައުމަށް ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ ވަރަށް ގިނަ މާއްދާތައް އެކުލެވިފައިވަނީ ދިވެހިރާއްޖޭގައި އިތުރަށް އެފަދަ ޑިކްޓޭޓަރޝިޕް ވެރިކަމެއް އަށަގަނެ ނުދިނުމަށްޓަކައި ކަމަށް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

ޝަމްހީދު ވިދާޅުވީ ގާނޫނުއަސާސީގެ 31 ވަނަ މާއްދާގެވެސް، އަދި 32 ވަނަ މާއްދާގެވެސް ބޭނުމަކީ އެއީ ކަމަށެވެ. ހަމައެއާއެކު މިއަދު މަޖިލީހުގައި ބަހުސްކުރަމުންދިޔަ 73 ވަނަ މާއްދާގެ ބޭނުމަކީވެސް އެއީ ކަމަށް ޝަމްހީދު ވަނީ ވިދާޅުވެފައެވެ. މި މާއްދާތައް ހެދިފައިވަނީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ކުރުމަށް އަލުން ޖާގަ ނުދިނުމުގެ ބޭނުމުގައި ކަމަށް ޑރ. ޝަމްހީދު ވަނީ ފާހަަގަކުރައްވާފައެވެ.

ޑރ. ޝަމްހީދު ވިދާޅުވީ ގާނޫނުއަސާސީ މިއަދު ވެގެން މިދަނީ ގަވާއިދަކަށްވުރެ އަވަހަށް ބަދަލު ކޮށްލާ އެއްޗެއް ކަމުގައެވެ.

"އަޅުގަނޑު ހަނދާންވޭ މި ދިވެހިރާއްޖޭގަ އަޅުގަނޑުމެން މިއަދު މިގެންގުޅޭ ގާނޫނުއަސާސީ ޑްރާފްޓުކުރި މަސައްކަތް ވެގެން ދިޔަގޮތް، އެކަން ކުރިގޮތް، އެ ބަހުސްތައް ކުރިއަށް ދިޔަ ގޮތް. ހަތަރު އަހަރުވަންދެން އެކިއެކި ކޮންސަލްޓުންނާ ވަރަށް ގިނަ ވަގުތު ކޮންމެ އަކުރަކަށް ހޭދަކުރުމަށް ފަހުގަ ޑްރާފްޓުކޮށް، މުޅި ރައްޔިތުންގެ ވޯޓަކުން ފާސްކޮށްފަ އިން ޤާނޫނުއަސާސީއެއް މި ޤާނޫނުއަސާސީއަކީ." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

އަދި މިއަދު ފެނިގެން މިދަނީ ސުޕަމެޖޯރިޓީއެއް އޮތުމުން ގަވާއިދު ބަދަލުކޮށްލާ އުސޫލުން ޤާނޫނުއަސާސީ ބަދަލުކުރަމުންދާ މަންޒަރު ކަމަށާއި، މިގޮތަށް ޤާނޫނު އަސާސީއާ ކުޅުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑރ. ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ކޮންވީނިއަންސަކަށް މިއަދު ޤާނޫނު އަސާސީއާ މިކުޅެނީ، އަޅުގަނޑަށް ރަނގަޅު ގޮތް މާދަމާ އެހެން މީހަކަށް ކަމުނުގޮސްފާނެ. އެހެންވީމަ އެގޮތަށް މުޅި މާއްދާތަކަަށް ބަދަލު މިގެންނަނީ. އެހެންވީމާ ހުރިހާ ސަރުކާރަކަށްވެސް އަޅުގަނޑު އެދެނީ ޤާނޫނުއަސާސީ އެ އޮތް ގޮތަށް ބާައްވާށޭ." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަމްހީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުން އަމަލުކުރަންވާނީ ގައުމީ މަސްލަހަތާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަަންދީގެން ކަމަށާއި، އަދި އެއްވެސް މެމްބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުން ކޮށްގެން ނުވާނޭކަން ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ވާކަމަށެވެ.

އެހެންނަމަވެސް މި ގައުމުގައި މިއަދު މިއޮތް މަޖިލީހުގެ ސުޕަމެޖޯރިޓީން ޤާނޫނު އަސާސީއާ ކުޅެމުން މިދަނީ ޑިކްޓޭޓާޝިޕަށް ފުރުސަތު ދިނުމަށް ކަމަށް ޝަމްހީދު މިއަދުގެ މަޖިލީހުގައި ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް