ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް
މިއަހަރަށް ކަނޑައެޅި ބަޖެޓްގައި ބޯހިޔާވަހިކަމަށް ހާއްސަކުރި ބަޖެޓް ހުސްވިއިރުވެސް ބޯހިޔާވަހިކަމުގެ ވާހަކަ ދައްކާ ފޮނިކަނޑާފައި އަޗާތެޅުން ނޫންކަމެއް ނުވާކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ވިދާޅުވެފައި ވަނީ ޕީއެންއެފް އިން ރޭ ބޭއްވި ޓައުންހޯލް ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.

އެގޮތުން ޔާމީން ވިދާޅުވީ ބޯހިޔާވަހިކަމަކީ ޒުވާނުންނަށްވެސް، އަދި އެހެން މީހުންނަށްވެސް އެންމެ ހައްސާސް އެއް މައްސަލަ ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަމަށް ހާއްސަކުރި ދެ ބިލިޔަން ރުފިޔާ ހުސްވިއިރު ރައީސް މުއިއްޒު އަށް އެންމެ ގާބުރިއެއްވެސް ނުބޭއްވުނު ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމާ ގުޅޭ ވާހަކަތައް ދައްކައި ރައީސް މުއިއްޒު ވަރަށް ފޮނި ކެނޑި ކަމަށާއި، އެހެންނަމަވެސް އެކަމަށް ހާއްސަ ކުރި ރުފިޔާއަށް ވީ ނުވީއެއް ނޭނގި ހުސްވެފައިވާ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

"އެހާ ވަރަށް މި ވާހަކަ ދައްކާފަ ފޮނި ކަނޑާފައި އަޗާތެޅީ.. އަޗާ ތަޅާފަ މި ދެ ބިލިޔަން ރުފިޔާ ވީނުވީއެއް ނޭނގެ. އިނގޭތޯ. ބަޖެޓުގައި ޖެހި މި ފައިސާ. އަދި ޕީއެސްއައިޕީގެ ތެރޭގައި މި ފައިސާ ހުރި." ޔާމީން ވިދާޅުވިއެވެ.

ސަރުކާރުން މި ހިނގާ 2025 އަހަރަށް ލަފާކޮށް ހުށަހެޅީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުން ރާއްޖޭގެ އެކި ސަރަހައްދުތަކަކަށް ބަހާލައިގެން 1.5 ބިލިޔަން ރުފިޔާ ހައުސިން މަޝްރޫއު ހިންގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ދެ ބިލިޔަނާއި ފަސް ބިލިޔަނާ ދެމެދުގެ އަދަދަކަށް 5 ޕަސެންޓު އިންޓަރެސްޓު ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރަން ވެސް ސަރުކާރުން ނިންމިއެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއް މި އަހަރު ނުވެ އޮއްވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ މަސައްކަތް މިހާރު ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ.

ކޮމިޓީ މަރުހަލާގައި ބަޖެޓަށް އެކި އިސްލާހުތައް ހުށަހެޅި ނަމަވެސް އެއިން އެއްވެސް އިސްލާހެއް ބަލައިނުގަނެ، ސަރުކާރުން ހުށަހެޅިގޮތަށް ކޮމިޓީން މިހާރު ވަނީ ބަޖެޓް ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް