ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް
ރައީސް މުޢިއްޒުގެ ސަރުކާރުގައި ކަންކަން ކުރާނެ ހިކުމަތެއް ނުވަތަ ސްޓްރެޓެޖީއެއް ނެތް ކަމަށާއި، ސަރުކާރުން ހިންގާ ސިޔާސަތުތައް ރައްޔިތުން ބަލައިނުގަންނަ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ޒުވާނުންނަށް ޚާއްސަކޮށްގެން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ ކަންކަން ކުރަން ބޭނުންވާ ހިކުމަތެއް ނުވަތަ ސްޓްރެޓެޖީއެއް ނެތް ކަމަށެވެ. އަދި މިސަރުކާރުގައި ކުރެވޭނެ ހަމައެކަނި ވަރަށް މޮޅު ވާހަކަ ދެއްކުން ކަމަށް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ އިންޓެގްރިޓީ ނުވަތަ ނަޒާހަތްތެރިކަން އެންމެ ފުރަތަމަ ހުންނަންޖެހެނީ ރައީސުލްޖުމްހޫރިއްޔާގައި ކަމަށެވެ. އޭގެ ފަހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތައް ހިންގަވާ ބޭފުޅުންނާއި ކޮމިޝަންތަކުގެ މެންބަރުން އަދި އޮޑިޓަރ ޖެނެރަލް، ޕީޖީ އަދި އޭސީސީގެ މެންބަރުންނާއި ކޮމިޝަނަރުންނާ ހަމައަށް ނަޒާހަތްތެރިކަން ހުންނަންޖެހޭނެ ކަމަށް ޔާމިން ވިދާޅުވިއެވެ. ޤާނޫނު އަސާސީން ބަހާލައިފައިވާ މުޅި ސަރުކާރުގެ ހުރިހާ ކަމެއް ހިނގާތޯ ބެލުމަކީ، ނަޒާހަތްތެރިކަން ހުރި މީހުންނަށް ނޫނީ ނުކުރެވޭނެ ކަމެއް ކަމަށްވެސް ޔާމިން ރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ކުދިކުދި މައްސަލަތައް އެއްކިބާކުރެވި ބޮޑެތި މައްސަލަތަކަށް ސަމާލުކަން ނުދެވޭނަމަ، އޭގެ ސަބަބުން އެއްވެސް މައްސަލައެއް ނުބެލޭ ހާލަތެއް އުފެދޭނެ ކަމަށެވެ. އަދި މިހާރު ރާއްޖެއަކު އެއްވެސް މީހަކަށް ކަންބޮޑުވާކަމެއް ނެތް ކަމަށާއި، އެއްވެސް މުއައްސަސާއެއްގައި މަދުވެގެން ކުރަންޖެހޭ މަސައްކަތްވެސް ނުކުރެވޭ ކަމަށް ޔާމިން ވިދާޅުވިއެވެ. އެހެންކަމުން އިންސާނީ ހައްގުތަކުގެ ވާހަކައާއި ޤާނޫނު ތަންފީޒުކުރާ ވާހަކަ ދައްކަންވީ ކީއްކުރަންތޯ ޔާމީން ސުވާލުކުރެއްވިއެވެ. ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ފެއިލްވެފައިވާ ކަމަށާއި، ޤާނޫނު ހިންގުމުގައި ބާރެއް ނެތްކަން ޔާމިން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ޤާނޫނު އަސާސީން ގައުމަށް އަދި ރައްޔިތުންނަށް އުފުލަންޖެހޭ އަމާނާތްތައް އުފުލަން ތިބި ހުރިހާ އެންމެނަށް ނަމޫނާ ދައްކަންޖެހޭ މީހެއް ކަމަށާއި، ރާއްޖޭގެ ނަޒާހަތްތެރިކަން ފެއިލްވެގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ފެއިލްވެގެންދާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުބާރު ހުރި، ނަޒާހަތްތެރި ބޭފުޅަކަށް ވުމުން އެހެން މުއައްސަސާތަކުގެ ބޭފުޅުންނަށްވެސް ނަޒާހަތްތެރިކަން އަންނާނެ ކަމަށާއި، އޭރުން އެހެނިހެން މުއައްސަސާތައް ދާއިމީކޮށް މަސައްކަތްކުރާނެ ކަމަށް ޔާމިން ވިދާޅުވިއެވެ. މިކަންކަން މިހެން ހިނގާތޯ ބެލުމަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އެންމެންގެ ނަޒާހަތްތެރިކަން ހުރެގެން ކުރެވޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، މައްސަލަތައް ފައިސަލާކުރަން ހުރި ހުރިހާ މުއައްސަސާތަކެއް ފެއިލްވެފައިވާ ކަމަށާއި، ޤާނޫނު ހިންގުމުގައި ބާރެއް ނެތް ކަމަށެވެ. އެހެންކަމުން ޒުވާނުން ތެދުވެ އަޑު އުފުލަން އެމަނިކުފާނު ގޮވާލެއްވިއެވެ.

ސަރުކާރުގެ ވައުދުތަކަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން މިދިޔަ ދެ އަހަރު ތެރޭގައި ކޮށްދިން ކަންތައްތަކުގެ ވާހަކަ ނުދައްކާ، ގާނޫނު އަސާސީއާ ހިލާފުވާ ހުރިހާ ބިދޭސީން ފޮނުވާލާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ރަސްމާލެއިން 15،000 މީހުންނަށް، ކާށިދޫ ކަނޑުން 30،000 މީހުންނަށް އަދި ބަރަވެލި ކަނޑުން 20،000 މީހުންނަށް ގޯތި ދޭނެ ކަމުގެ ވައުދުތައް ވަރަށް ތަރުތީބުކޮށް ހިމަނައިގެން ދައްކާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، ހިއްކާފައި އޮތް ބިންކޮޅަކުން ގޯއްޗެއް ދިނުމަކުން އެތަނެއްގައި ރައްޔިތުންނަށް ނޫޅެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެތަނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ކޮބައިތޯ އެމަނިކުފާނު ސުވާލުކުރެއްވިއެވެ. ބިންގަނޑު ހިއްކާލުމަކީ އެންމެ ފަސޭހަ ކަމެއް ކަމަށާއި، އެހެންވެ އުވަދޯނި (ޑްރެޖަރު) އެހާ މަޝްހޫރުވެގެން މިއުޅެނީ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައިސްފައިވާ ކަން ފާހަގަކުރައްވަމުން ޔާމީން މިހާރު އިންވެސްޓަރުން ނުގެނެވިގެން އުޅެނީ ކީއްވެތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ފަސް އަހަރުގެ ދައުރާއި މިހާރުގެ ސަރުކާރުގެ ދެ އަހަރު މިދަނީ، ރާއްޖެ ފަޚުރުވެރިވާ ފަދަ ބޭރުގެ އިންވެސްޓަރުންނެއް ނައިސް ކަމަށާއި އެއީ ވަރަށް ބޮޑު މައްސަލަ އެއް ކަމަށް ޔާމިން ވިދާޅުވިއެވެ. ޔާމިން ވަނީ ރައީސް މުޢިއްޒު ސަރުކާރަށް ދެ އަހަރުވެގެން އޭގެ ކާމިޔާބީ ފާހަގަކުރާއިރު ހާސިލް ކުރެވުނީ ކޮންކަމެއްތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

ޔާމީން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވެސް މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކަ ވިދާޅުނުވާ ކަމަށެވެ.ހައްތަހާ ވެސް އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ކުރިއަށް ކުރައްވާނެ ކަންކަމުގެ ވާހަކަފުޅުތައް ކަމަށް ޔާމިން ވިދާޅުވިއެވެ.

"މި އޮތް ރިޕޯޓް އިއްވާ ނިއްމަނީ މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކަ ވިދާޅެއް ނުވޭ،" ޔާމިން ވިދާޅުވިއެވެ.

ޔާމިން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ މަސައްކަތަށް އެ މަނިކުފާނު ދެއްވާނީ 100 އަކުން 20 މާކްސް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް