ކުޑަހުވަދޫ މުޒާހަރާ
ކުޑަހުވަދޫ މުޒާހަރާ
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްތައް އުވައިލުމާއި ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާ ދެކޮޅަށް ދ. ކުޑަހުވަދޫ ރައްޔިތުން އިއްޔެ މުޒާހަރާކޮށްފިއެވެ.

ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ސުލްހަވެރި މުޒާހަރާގައި އެ ރަށުގެ އެކި ސިޔާސީ ފިކުރުގެ އެކި އުމުރުފުރައިގެ ގިނަ ބަޔަކު ބައިވެރިވި އެވެ. ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޒަމާނުއްސުރެ ދ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި ކުޑަހުވަދޫ އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭތީ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ ތިން ކައުންސިލަރުންނާއި، 2000 އަށް ވުރެ ބޮޑު ނަމަ ފަސް ކައުންސިލަރުން އިންތިހާބު ކުރުމަށް ހިމެނެ އެވެ. އަދި ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ލާޒިމު ކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު ވެސް ކައުންސިލަރުންގެ އަދަދަށް ހަމަޖައްސާފައިވެ އެވެ.

މީގެ އިތުރުން އިސްލާހުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރު ލިބިދޭ މާއްދާތަކެއް ހިމެނެއެވެ. އެގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އެ އިދާރާއަށް ލިބޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކައުންސިލްތަކުން ރަސްމީކޮށް ރިޕޯޓު ކުރަންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ، 231 ވަނަ މާއްދާގެ ހ. ގެ ތިން ވަނަ ނަންބަރު، އަދި 231 ވަނަ މާއްދާގެ ށ. ގައިވާ އަތޮޅު ކައުންސިލާ ގުޅޭ ބަސް އުނިކުރުމަށް ވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ މި ބަދަލުތަކާ ވެސް ދެކޮޅަށް އަޑުއުފުލާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް