ކުރީގެ ނާއިބު ރައީސް ޖަމީލް، ރައީސް މުއިއްޒު
ކުރީގެ ނާއިބު ރައީސް ޖަމީލް، ރައީސް މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަނީ މުޅިންވެސް ދެއުޅިއެއް ނުވާ ވާހަކަތަކެއް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ދުނިޔޭގައިވެސް ފުރަތަމަ ޤާއިމްކުރެވޭ އަންޑަރ ވޯޓާރ ޓަނަލްއިން މާލެއިން ރަސްމާލެއަށް ގުޅުވާލެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ ވާހަކަފުޅަށް ޢިޝާރާތް ކުރައްވައެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޖަމީލް ވަނީ މިރޭވެސް އަދި ކުރިޔަށް އޮތްތަނުގައިވެސް މިބާވަތުގެ ބުހުތާނު ދޮގު ނުހެއްދެވުމަށް ރައީސަށް ނަސޭހަތްތެރި ވެފައެވެ.

"ދޯހަޅި ވާހަކަތައް މާ ގިނައީ. މަނިކިފާނު ދައްކަނީ މުޅިންވެސް ދެއުޅިއެއް ނުވާ ވާހަަކަތަކެއް،" ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ ބުހުތާނު ދޮގު ހެދުމުގައި ރައީސް މުއިއްޒަކީ ލާމަސީލެއް ކަމަށެވެ. އަދި ދޮގުހަދާ ހަދާ ވަރުބަލި ނުވޭތޯ ވިދާޅުވެ، ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.

ރޭ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކަށް އިޝާރާތް ކުރައްވަމުން އެކްސްގައި ހިއްސާކުރެއްވި އިތުރު ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ރާއްޖެ ނުދެކޭވަރުގެ ކައްޒާބެއް މިވަގުތު ދޮގު ހަންދަރުން ވިހަމުން އެބަ ދާކަމަށެވެ.

އެހެންކަމުން އެންމެ ރަނގަޅުގޮތަކީ ފަލަގިނާސި ތިންސޫރަތް ކިޔަވާ ކޮންމެ މީހަކުވެސް އަމިއްލަ ރައްކަލަށް ދުޢާކުރުން ކަމުގައި ޖަމީލް ވަނީ ވިދާޅުވެފައެވެ. އަދި މާތް الله ނަހީކުރެއްވި އެންމެ ނުބައި އެއް އަމަލުކަމަށްވާ ދޮގު ހެދުންމަތީ ދެމިހުންނަ މީހަކީ ވަރަށް ނުބައި މީހަކަށް ވާނެ ކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން 2 އަހަރު ފާއިތުވެފައި ވާއިރު، ވައުދުވެފައިވާ އެއްވެސް މަޝްރޫޢެއް އަދި މި ސަރުކާރަށް ނިންމިފައި ނުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ކުރިން ވެފައިވާ ވައުދުތައް ފުއްދައި ނުދީ، އިތުރު ވައުދުތައް ވަމުންދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް