ރައީސް ޑރ. މުހައްމަދު މުޢިއްޒު
ރައީސް ޑރ. މުހައްމަދު މުޢިއްޒު
އަންހެނުންނާއި އަންހެން ކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މުޖުތަމަޢެއް ބިނާކޮށްދިނުމަކީ، މި ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ކޮންމެ އަންހެނަކާއި އަންހެން ކުއްޖެއް ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރި ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ހުރިހައި އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުން ދުވަހެއް ދުވަހަކަށް ގުޅިލާމެވިގެންދާއިރު، އޮންލައިންކޮށް ބިރު ދެއްކުމާއި، ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާތައް އިތުރުވަމުންދާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއިއެކު އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، ކުރިއަރުވައި ސަލާމަތްކަން ލިބިގެންވާ މާޙައުލެއް ޤާއިމް ކޮށްދޭންޖެހޭ ކަމަށެވެ. އޭރުން އޭގެ ހެޔޮ އަސަރު މުޖުތަމަޢުއަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ ގޮތުގައެވެ. މި ދުވަހަށް މިއަހަރު އދ އިން ކަނޑައަޅާފައިވާ ޝިޢާރު ގުޅުވާފައިވަނީ، އަންހެނުންނާއި އަންހެން ދަރިން ބާރުވެރިކުރުމަށެވެ. މިއަހަރުގެ ޝިޢާރަކީ، "ޔުނައިޓް ޓު އެންޑް ޑިޖިޓަލް ވައިލެންސް އެގޭންސްޓް ވިމެން އެންޑް ގާލްސް ވޯންޓް ޓު މޯބަލައިޒް އޯލް މެމްބަރޒް އޮފް ދަ ސޮސައިޓީ" މިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް