ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު
ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު
ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ މައްޗަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އުފުލާފައިވާ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރިއަށް ނުގެންދަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން މިގޮތަށް ނިންމީ، އާޒިމާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުގައި ހުކުމްކޮށްފައިވާތީއެވެ. އަދި އާޒިމާގެ މައްޗަށް ދައުވާ ކުރިއަށް ގެންދިއުމަށް މަސްލަހަތެއް ނެތް ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލާގައި އާޒިމާ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އޭނާއަށް ދަޢުވާ އުފުލީ ފުރިހަމަނުވާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މިއީ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ކުރި ދައުވާއެއްކަން އާޒިމާ ފާހަގަކުރަށްވާފައިވެއެވެ.

އާޒިމާގެ މައްޗަށް ދަޢުލަތުން އުފުލި ދަޢުވާ ތަކަކީ ގއ. ވޮޑަމުލާ މައްސަލާގައި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިނަށް މަގުފަހިކޮށް ދިނުމުގެ ދައުވާއެވެ. އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރީ، ވެރިކަމުގައި ހުންނަވައިގެން މަނީލޯންޑަރ ކުރެއްވި ކަމުގެ ކުށް ދަށުކޯޓާއި ހައިކޯޓުގައި ސާބިތުވި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އާޒިމާ ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.

އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތް ކުރަށްވައި، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އާޒިމާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް