ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
އިދިކޮޅު އެމްޑީޕީ އަށް ކުރިމަތިވެފައިވާ ޙާލަތާމެދު ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އޭގެއިތުރުން އެމްޑީޕީގެ ރައީސްކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

އެމްޑީޕީގެ ޙާލަތާމެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރަށްވާފައިވާއިރު، އެމްޑީޕީއަށް ވަގުތީ ޗެއާޕާސަނެއް ހޮވުމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ އެންމެފަހުން އެ ޖަލްސާ ވަނީ ހުއްޓާލާފައެވެ.

އެކަމާގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މިވަގުތު ތަޖުރިބާ ކުރަމުންދަނީ އުނދަގޫ ދުވަސްތަކެއް ކަމަށާއި ނަމަވެސް މި ހާލަތުން އެމްޑީޕީ އަރައިގަންނާނެ ކަމާމެދު ޝައްކު ނުކުރަށްވާ ކަމަށެވެ.

"މިއަދު އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން އެ ބުނަމުން ދަނީ މުހިއްމީ ޕާޓީގެ އެއްބައިވަންތަކަން ކަމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

އޭގެއިތުރުން ރައީސް ނަޝީދު ވަނީ، ރާއްޖޭގެ ތާރީޚަށް އަލިއަޅުވާ ލައްވަމުން މޮޓަރުބޯޓުގެ ގަޑުބަޑުގެ ދުވަސްވަރު ޙުސައިން ޞަލާޙުއްދީން ލިޔުއްވި ޅެންބައިތެއް ޙިއްސާ ކުރަށްވާފައެވެ.

"އުނިކަން ނުވާ މާތް ދޫފުޅުން އެދުވަހު ވިދާޅުވީ، ޔުނިޓީއަކީ ފަހެ ޙަސަދަޔާ މަކަރަށް ނުވާނެތޯ؟" ރައީސް ނަޝީދު ނަކަލު ކުރަށްވާފައިވެއެވެ.



ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ޗެއަރޕާސަނެއް ހޮވުމަށް ރޭވަނީ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ.

އެގޮތުން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވަހީދުގެ ނަން ހުށައަޅައި ވޯޓަށް އެހުމުން އޭނާ އަށް ލިބުނީ 47 ވޯޓެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް މީހަކު އައްޔަން ކުރުމަށް 48 ވޯޓު ބޭނުންވާއިރު، އެންމެ ވޯޓެއް މަދުވުމުން އޭނާގެ ނަން ފާހެއްނުވި އެވެ.

އަދި މެންބަރުންގެ މެދުގައި ބޮޑު ޒުވާބެއް އުފެދުމުން، ރިޔާސަތުން ވަނީ އެޖަލްސާ ހުއްޓާލާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން ފައްޔާޒު އިސްތިއުފާ ދެއްވީވެސް އެމްޑީޕީގެ އިސް މެންބަރުންގެ މެދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން ކަމަށް ވިދާޅުވެއެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަލުން ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅިގެން މި ދެބަސްވުންތައް އިތުރަށް ވަނީ ބޮޑުވެފައެވެ. ދާދިފަހުން ޕާޓީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ފައްޔާޒްގެ މެދުގައި ބަހުގެ ޙަމަލާތަކެއްވެސް ބަދަލު ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް