ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ނައިބު ރައީސުންގެ އިނާޔަތް 30،000 ރުފިޔާއަށް ބޮޑުކޮށް މާލިއްޔަތު ކޮމިޓީން އެބިލް މިއަދު ފާސްކޮށްފިއެވެ.

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 30،000 ރުފިޔާގެ އިނާޔަތެއް ދޭން މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާއިރު، މިހާރު އޮތްގޮތުން އެ އިނާޔަތަށް ޝަރުތު ހަމަވަނީ ހަމައެކަނި އެމްޑީޕީގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމެވެ.

މިހާތަނަށް ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެއްވެސް އިނާޔަތެއްވެސް އަދި ދައުލަތުގެ ސެކިއުރިޓީވެސް ފޯރުކޮށެއް ނުދެއެވެ. މާލީ އިނާޔަތުގެ އިތުރުން ނައިބުރައީސްކަން ކުރެއްވި ބޭފުޅުންނަށް ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މިފަހަރުގެ އިސްލާޙުގައިވަނީ ހުށައަޅާފައެެވެ.

ނަމަވެސް، ނައިބު ރައީސުން ވެސް ދައުލަތުގެ މަޤާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އެ ބޭފުޅުންނަށް މި އިނާޔަތްތައް ނުލިބޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. މިހާރު މަޖިލީހަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވާގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކަށް އިނާޔަތް ލިބެނީ ފަސް އަހަރުގެ ރިޔާސީ ދައުރެއް އެ މަޤާމުގައި ހަމަކުރެއްވުމުންނެވެ. މީގެ އިތުރުން ⁠ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތުވެފައި ނުވުމަކީވެސް ޝަރުތެކެވެ.

އެހެންކަމުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މި އިނާޔަތް މި ބަދަލާ އެއްގޮތަށް މިހާރު ލިބިވަޑައިގަންނަވާނީ ހަމައެކަނި ފައިޞަލް ނަސީމަށެވެ. ފައިސަލަކީ މިހާތަނަށް އާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ވެރިކަންތަކުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަމަ އެކަނި ނައިބު ރައީސެވެ. އެކި ސަބަބުތަކާއި ހެދި މީގެ ކުރިން ނާއިބް ރައީސްކަން ކުރެއްވި ބޭފުޅުންނަށް ފަސް އަހަރުގެ ދައުރެއް ފުރިހަމައެއް ނުކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް