ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފު
ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފު
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ މަތި ބަރު ކުންފުންޏެއް ކަމަށް ބުނެ އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފުގެ އަންހެނުންނަށް އެ ކުންފުނިން ބައިލައްކަ ރުފިޔާއަށް ވުރެ ބޮޑު މަހު މުސާރަ އެއް ލިބޭ މަގާމެއް ދީފައިވާ ކަން ހާމަވެއްޖެއެވެ.

މެންބަރު ޝަރީފުގެ އަންހެނުން ޝިނާ ވަޖީހު އައްޔަން ކުރީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ބިއުރޯގެ ޗީފްގެ މަގާމަށެވެ. އޭނާ އައްޔަން ކުރީ ޑިރެކްޓަރެއްގެ ފެންވަރުގައި ކަމަށާއި، މަހު މުސާރައަކީ 55،000 ރުފިޔާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޝިނާ ވަނީ ސްރީ ލަންކާއަށް އެހީވުމަށް ޕީއެސްއެމްއިން ކުރިޔަށް ގެންދިޔަ ޓެލަތޯނުގައި، އެޗްޑީސީގެ ފަރާތުން ފައިސާ ހަދިޔާ ކުރަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއެކު ވެސް ބައިވެރިވެފައެވެ.

އެހެންކަމުން މީގެކުރިން މެމްބަރު ޙުސައިން ޝަރީފު އެޗްޑީސީ އަށް އެހާ ބޮޑަށް ފާޑު ވިދާޅުވީ އަނބިކަނބަލުންގެ ވަޒީފާ ހަމަޖެހިފައި ނުވުމުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަނބިކަނބަލުންގެ ވަޒީފާ ކަށަވަރު ވުމަށްފަހު މެމްބަރު ވަނީ އެޗްޑީސީއަށް ފާޑުކިޔުންވެސް ހުއްޓާލާފައެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ސަރުކާރުން މިދިޔަ ޖުލައި މަހު ހާމަކުރި ހިސާބުތަކުން އެނގޭ ގޮތުގައި، ސަރުކާރުގައި އޭރު ތިބީ 922 ސިޔާސީ މުވައްޒަފުންނެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް 3000 އަށް ވުރެ ގިނަކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް