މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމް
މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމް
އެމްޑީޕީގެ މާލޭ މޭޔަރ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓުންގެ ތެރެއިން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކަށް ފާޅުގައި ޖެހިލުމެއްނެތި ނޫނެކޭ ބުނަން ކެރޭނެ ހަމައެކަނި ކެނޑިޑޭޓަކީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެގޮތުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މީސްމީޑިއާގައި ވިދާޅުވީ، ރާއްޖޭގައި އޮތް ޚުދުމުހުތާރު ސަރުކާރު ބަލިކުރުމަށް މާލޭ ސިޓީގެ މޭޔަރަކަށް ހުންނަ މީހަކު އަދާކުރަން ޖެހޭ ޒިންމާ ވަރަށް ބޮޑު ކަމަށާއި އެމްޑީޕީއަށް މިވަގުތު ބޭނުންވަނީ ކޮންމެ ދުވަހަކު ސަރުކާރު ނީސްތައްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް ކަމަށެވެ.

އަދި، މިވަގުތު ތިބި ދެ ކެންޑިޑޭޓުންގެ ތެރެއިން އެ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކެންޑިޑޭޓަކީ އަލީ އާޒިމް ކަމަށްވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.

"މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރާ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ނިންމާ ނިންމުންތަކާ ދެކޮޅަށް ފާޅުގައި ބަސް ބުނާނެ މޭޔަރެއް ހުރުން ނުހަނު މުހިންމު. މޭޔަރެއްގެ ޒިންމާތައް އަދާކުރުމުގެ އިތުރުން މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ކޮންމެ ދުވަހަކު ސަރުކާރު ނީސްތާއްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް. މިވަގުތު ތިބި ދެ ކެންޑިޑޭޓުންގެ ތެރެއިން އެ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކެންޑިޑޭޓަކީ އަލީ އާޒިމް." ފައްޔާޒް ވިދާޅުވިއެވެ.



ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޓިކެޓްގައި މާލެއަށް މިހާރު އިންތިޚާބުވެފައިވާ މޭޔަރު އާދަމް އާޒިމް އާއި މިސަރުކާރާ ދެމެދު އަޑި ނޭނގޭ ގުޅުމެއް އޮންނަ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އާދަމް އާޒިމްގެ ބޭބެ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމަކީ ރައީސް ޑރ. މުޢިއްޒުގެ ކޯލިޝަން ޕާޓްނަރަކަށް ވާއިރު، ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި މާޅޭގައި ހިންގާން ފަށާފައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ބައެއް ކަންކަން ފޮރުވުމަށް އާދަމް އާޒިމް މަސައްކަތް ކުރާކަމަށް ސިޓީކައުންސިލްގައި ތިއްބަވާ ބައެއް ކައުންސިލަރުން ގެންދަވަނީ ތުހުމަތު ކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު