ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އެ ރަށުގެ އާބާދީގެ ހިސާބުތައް އޮޅުވާލި ކަމަށް ބުނެ، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ސައުދުގެ މައްޗަށް އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ވެސް އަޑުއެހުންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޝަރީއަތާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ސައުދުގެ މައްޗަށް އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތް، ސިޔާސީ ނިޔަތެއްގައި ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ. އެ ދައުވާތައް ބިނާކޮށްފައިވަނީ ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެން ކަން ހާމަވާން އޮތްއިރު، އެފަދަ ކަމަކަށް ސައުދު އަލީ ފަރުދީގޮތުން ޒިންމާކުރުވައި ޖިނާއީ ދައުވާ ކުރުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ އިތުރުން ގާނޫނީ އާންމު ހަމަތަކާ ވެސް މުޅިން ހިލާފު ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސައުދުއާ ދެކޮޅަށް ދައުވާ އުފުލުމުގައި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަމަލުކޮށްފައިވަނީ އާންމުކޮށް މައްސަލަތަކުގައި ކަންކުރާ އުސޫލާ ހިލާފަށް އަވަސް ބާރުމިނެއްގައި ކަމަށެވެ.އަދި ކްރިމިނަލް ކޯޓުން މި މައްސަލަ ކުރިއަށް ގަންދާ ގޮތަށް ބަލާއިރު، އެހެން މައްސަލަތަކާ ހިލާފަށް މި މައްސަލައިގައި ވީ އެންމެ އަވަހަކަށް ހުކުމެއް ކުރުމަށް އަމާޒުހިފާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އެބަޔާނުގައިވެއެވެ.

މީގެއިތުރުން، ސައުދު އަލީ އަލުން މޭޔަރުކަމަށް އިންތިޚާބުވިޔަސް މަގާމު ގެއްލުވާލައި ޖަލަށްލާނެ ކަމަށް ބުނެ، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އާންމުތަނެއްގައި އިންޒާރު ދެއްވިތާ ކުރު މުއްދަތެއްގެ ތެރޭގައި މި ދައުވާތައް ހުށަހެޅުމަކީ ވެސް ސިޔާސީ ނިއަތެއް އޮތްކަން ހާމަވާ ކަމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް