ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ އެކި އަވަށްތަކުގައި ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކަކީ އެމަނިކުފާނު ކުޅުއްވާ "ސިޔާސީ ޑްރާމާ"އެއްގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސިފަކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިފަހުން މާލޭގެ މައްޗަންގޮޅި، މާފަންނު އަދި ހެންވޭރު އަވަށްތަކުގައި ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއައްސަވާފައެވެ.

ރައީސްގެ ބައްދަލުވުންތަކަށް އިޝާރަތް ކުރަށްވައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒަކީ ދުސްތޫރީ ބާރުތަކާއި އިހުތިޔާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަށް އާދަވެފައިވާ ވެރިޔެއް ކަމަށެވެ.

ހަމައެއާއެކު ޑރ. ދީދީ ވިދާޅުވީ، މި ސަރުކާރު ވަނީ ދުސްތޫރީ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެގެންވާ ދައުލަތެއްގައި، ދައުލަތުގެ "ނިޒާމު އާންމު" ނުވަތަ "ޕަބްލިކް އޯރޑަރ" ނެގެހެއްޓުމުގެ އަސާސީ ވާޖިބު އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމަށާއި، އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނުކުޅެދިފައި ކަމަށެވެ.

"ޢާންމު ރައްޔިތުންނާއެކު އެކި އަވަށްތަކުގައި ބާއްވަމުން ގެންދާ ބައްދަލުވުންތައް މިޒަމާނުގެ ސިޔާސީ ފިކުރުގައި ސިފަކުރެވެނީ "ސިޔާސީ ޑްރާމާ"އެއްގެ ގޮތުގައި." ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިފަދަ ބައްދަލުވުންތަކުގެ މަގުސަދާ ގުޅޭގޮތުން ޑރ. ދީދީ ވިދާޅުވީ، އެބައްދަލުވުންތަކުގެ މަގުސަދަކީ ރައީސް މުޢިއްޒު ވެރިކަން ހިންގަވަނީ ރައްޔިތުންގެ ސީދާ ބައިވެރިވުމާއެކު ކަމުގެ ހަގީގަތާ ހިލާފު ތަސައްވުރެއް އުފައްދައި، ރައްޔިތުންގެ އާންމު ރައުޔަށް އޮޅުވާލެއްވުމަށް ކަމަށެވެ. އަދި އެއީ ހަގީގަތުގައި ދެފުށް ފެންނަ މުއައްސަސީ ހެޔޮވެރިކަމެއްގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި މިފަދަ ބައްދަލުވުންތަކަކީ ހަގީގީ ރައްޔިތުންގެ ބައިވެރިވުމެއް ނޫން ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު