އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަޙްމަދު ދީދީ
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަޙްމަދު ދީދީ
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމުން ޕާޓީ މާޔޫސްވެފައި އޮއްވައި، މާލޭގެ މޭޔަރުކަން ހޯދައިދީ ޕާޓީއަށް ރޫހު ގެނުވީ އޭނާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމުން، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެކަމަށް ނުރުހުން ފާޅުކުރަށްވައިފިއެވެ.

މީސްމީޑީއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި މާރިޔާ ވިދާޅުވީ މޭޔަރު އާޒިމް އެވާހަކަ ދެއްކެވީ އެމްޑީޕީގެ މެމްބަރުންނަށް ކުޑައިމީސްވާ ގޮތަށް ކަމަށެވެ. އަދި އެ ވާހަކަފުޅަށް މޭޔަރު އާޒިމް އެމްޑީޕީގެ މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ހަމައެއާއެކު މާރިޔާ ފާހަގަކުރެއްވީ އެމްޑީޕީއަކީ 2012 އާއި 2013 ފަދަ ދަތި ހާލަތްތަކުގައިވެސް ހިތްވަރާއެކު ނުކުމެ، ނުރައްކަލަށް ބެލުމެއްނެތި މަސައްކަތްކޮށްފައިވާ "ރީނދޫ ލަޝްކަރެއް" ކަމަށެވެ. އެހެންކަމުން، އެމްޑީޕީގެ ހުރިހާ ހިތްވަރަކީ އާދަމް އާޒިމް ކަމަށް ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

"7 ފެބްރުއަރީ 2012 ގައި މިޕާޓީގެ ސަރުކާރަށް އިސްތިއުފާ ދިނުން ނޫން އެހެން އެއްވެސް ގޮތެއް ނެތްކަމަށް ބުނެ، އެމްޑީޕީ ވެރިކަމުން ވަކިކުރީމަ، ޖަހާނެ ބަޑިއެއް، ބިޑިއެއް، ވޯޓަރ ގަންއެއް، މުގުރެއް، ޕެޕަރ ސްޕްރޭ، ހުކުމަކަށް ޖެހިލުމެއްނެތި ނިކުތީ، އެމްޑީޕީގެ ރީނދޫ ލަޝްކަރެވެ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ މެސެޖުގައި އިޝާރާތް ކުރަށްވާފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ވެރިކަމުން ދުރުކުރެވުނު ޙާލަތަށާއި، 2013 ވަނަ އަހަރުގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ސިޔާސީ ބޭފުޅުން ޖަލަށްލެވުނު ދުވަސްވަރަށެވެ.

މި ދެ ޙާލަތުގައިވެސް ފެނިގެންދިޔައީ އެމްޑީޕީގެ ސަޕޯޓަރުންގެ ހިތްވަރާއި، އެ ޕާޓީއަށްޓަކައި މެންބަރުން ދައްކާފައިވާ ވަފާތެރިކަމެވެ. އަދި އެމްޑީޕީގެ ރީނދޫ ލަޝްކަރު ވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އަބަދުވެސް ނުފޫޒުގަދަ ޙަރަކާތްތަކެއް ހިންގާފައެވެ.

މާރިޔާ މިހެން ވިދާޅުވެފައިވާއިރު، މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އާދަމް އާޒިމް ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވީ ވެރިކަން ގެއްލި އެމްޑީޕީ މާޔޫސްކަމުގެ ރަޖާ ލައިގެން އޮށްވައި ރަޖާގަނޑު ދަށުން ނުކުމެ ހިތްވަރުކޮށްގެން މޭޔަރުކަމުގެ ގޮނޑި ހޯދައިދީ ޕާޓީއަށް ރޫހު ގެނުވައިދިނީ އޭނާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު