ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނައުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް ފިޝަރީޒް މިިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމުގެ ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ޖެނުއަރީ މަސްތެރޭ ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ.ޝިޔާމް ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ، މަސް ގަންނަ ކުންފުނިތަކަށް ވިއްކާފައިވާ ކަންނެލީގެ ފައިސާ ނުލިބި ދިގުލާދާ މައްސަލަ ކަމަށެވެ. މީގެ އިތުރުން މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާ މައްސަލަވެސް މަސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅާއެކު، މާލެ ސަރަހައްދުން މަސްވެރިންނަށް ތެޔޮ ލިބޭނެ ހެޔޮ ބަދަލެއް ގެނެސް، ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެސް.ޓީ.އޯ. މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު ބޮޑުކަންނެލި މަސްވެރިން ކަންބޮޑުވުންތަކަށް ހައްލު ނުލިބޭތީ މިވަގުތު މާލޭ ރަސްމީ ޖެޓީ ސަރަހައްދުގައި މަސްވެރިން މިހާރު ވަނީ އިހުތިޖާޖު ފަށާފައެެވެ. އެގޮތުން ފަޅު ބޭރަށް ބޮޑުކަންނެލި މަސްވެރިންގެ އޮޑިދޯނިފަހަރު އޮތީ އެއްވެ ގެންދަނީ ޝުއޫރު ފާޅުކުރަމުންނެވެެ.



ކިޔުންތެރިންގެ ހިޔާލު