މަސްވެރިންގެ މުޒާހަރާގެ ތެރެއިން
މަސްވެރިންގެ މުޒާހަރާގެ ތެރެއިން
މަސްވެރިންގެ އިހުތިޖާޖްގައި ބައިވެރިވާ ބައެއް ދޯނިތަކަށް ފުލުހުން އަރައި، 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިޙްތިޖާޖް ރޫޅާލައިފިއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމު ކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 60 ދޯނި ބައިވެރިވެރިވާ މި އިހުތިޖާޖު ފަށާފައިވަނީ އިއްޔެ ހެނދުނު 9:30 ފެށިގެން ހުޅުމާލެ ކަންނެލި ޖެޓީގައެވެ. ނަމަވެސް ފަހުން އެ ދޯނިތައް މާލޭ އުތުުރުފަރާތު ކަނޑުގައި އަޅާފައި ވަނިކޮށް ފުލުހުން މިއަދު ވަނީ އޭގެން ބައެއް ދޯނިތަކަށް އަރައި ބާރުގެ ބޭނުން ކޮށްގެން އިޙްތިޖާޖު ރޫޅާލާފައެވެ.

ދޯނިތަކަށް އަަރައި، ދޯނިތަކުގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އިތުރުން ފުލުހުން ވަނީ، ދެ ދޯންޏެއްގެ ކޮންޓްރޯލް ނަގައި ދެދޯނި ދޫނިދޫއަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ، ބީކޭއެމްޔޫ ގައި އިސްކޮށް ހަރަކާތްތެރިވާ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު އާއި އިތުރު ބަޔަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

މަސްވެރިންގެ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުގެ މެނިފެސްޓޯގައި އޮތް ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމާއި، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.

މި އިޙްތިޖާޖުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ، މަސްވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން އެދެވޭ ޖަވާބެއް ލިބެންދެން މި އިހްތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު