ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ވައުދުތަކެއް ވެވަޑައިގެންނެވެ. އެ ވައުދުތައް ސަރުކާރުގެ މެނިފެސްޓޯގައި ވަނީ ކަނޑައެޅިގެން ބަޔާންކުރެވިފައެވެ. ކެމްޕޭންގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ، ރާއްޖޭގެ ކޮންމެ މަސް ކާރުޚާނާއަކުން (އެއީ އަމިއްލަ ތަނެއް ކަމަށް ވިޔަސް) ކަންނެލި މަސް ގަންނަ އެންމެ ކުޑަ އަގު 80 ރުފިޔާއަށް ބަދަލުކުރުމަށާއި، އަދި 'އޭ' ގުރޭޑް ކަންނެލީގެ އަގު އެންމެ ކުޑަވެގެން 100 ރުފިޔާއަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު މަޤްޞަދުތަކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.



މީގެ އިތުރުން، މިފްކޯއިން ބޮޑު ކަންނެލި ގަންނަ ނިޒާމަށް ބަދަލު ގެނެސް، މިފްކޯގެ ހިއްސާ ބޮޑުކަންނެލީގެ މަސްވެރިންނަށް ލިބޭގޮތަށް ހަދައި، އެކަމުގެ ސީދާ ފައިދާ މަސްވެރިންނަށް ފޯރާނެ ފޯމިއުލާއެއް ވެސް ރައީސް މުޢިއްޒު ކެމްޕޭން ތެރޭގައި އިޢުލާންކުރެއްވިއެވެ. އަދި މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ. މަސްވެރިން ރައީސް މުޢިއްޒަށް އިތުބާރުކޮށް، އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ވޯޓުދިނީ މި ވައުދުތައް ޙަޤީޤަތަކަށް ވާނެ ކަމުގެ ފޮނި އުއްމީދުގައެވެ.



ނަމަވެސް، ވެރިކަމަށް ދެ އަހަރުވީއިރު ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތަކަށް ޢަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. މަސްވެރިންނަށް ވެފައިވާ ވައުދުތަކަކީ ހުސް ބިލާހަކަށް ވެފައިވާ ކަމަށާއި، ސަރުކާރުން ދައްކާފައިވަނީ ހަމައެކަނި އަވާމެންދުރެއް ކަމަށް މަސްވެރިން ދެކެއެވެ. މިކަމުގެ ސަބަބުން މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުން އިންތިހާއަށް ދިއުމުން، އެމީހުންގެ ޙައްޤު ހޯދުމަށް ނިކުންނަށް މަޖުބޫރުވީއެވެ.

މިގޮތުން، މަސްވެރިންގެ ދުވަހާ ދިމާކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) އިން އިންތިޒާމުކޮށްގެން، މަސްވެރިންގެ މުޒާހަރާއެއް މިދިޔަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީން ފެށިއެވެ. މަސްވެރިން ގޮވާލަމުންދިޔައީ މެނިފެސްޓޯގައި ވެފައިވާ ވައުދުތައް ފުއްދައިދިނުމަށެވެ. ސަރުކާރުން މަސްވެރިންގެ ޑިމާންޑުތަކަށް އެއްވެސް އިޖާބައެއް ނުދިނުމުން، މުޒާހަރާގެ ބައިވެރިން ވަނީ ހުޅުމާލެ ފަޅުން ނުކުމެ، މާލެއަށް މިސްރާބު ޖަހައި، މާލެ ކައިރީގައި އަޑުގަދަކުރާއިން އެމީހުންގެ ޑިމާންޑުތައް އިއްވުމަށްފަހު، މާލޭ އެއް ނަންބަރު ޖެޓީއާ ދިމާ ބޭރުގައި ދޯނިތައް އަޅައިގެން ޝުޢޫރު ފާޅުކޮށްފައެވެ.

މަސްވެރިންގެ ޑިމާންޑަކީ ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުމެވެ. އަދި މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަކީ އެފަރާތްތަކުން ސަރުކާރަށް ކުރި ޑިމާންޑްތަކެވެެ. އެއީ ހުސް ސަރުކާރުގެ ވައުދުތަކެވެެ. މަސްވެރިން ގޮވާލަމުންދިޔައީ އެ ވައުދުތައް ފުއްދައިދީ މަސްވެރިންނަށް އެމީހުންގެ ހައްގު މިންވަރު ހޯދައިދިނުމަށެވެ.



އެއް ނަންބަރު ޖެޓީއާ ދިމާ ބޭރުގައި މުޒާހަރާގެ ބައިވެރިން ތިއްބާ، އިއްޔެ ހެނދުނު ފުލުހުން ވަނީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އިމިގްރޭޝަން އޮފިސަރުންނާއެކު ދޯނިތަކަށް އަރައިފައެވެ. މި އޮޕަރޭޝަނުގައި ދޯނިތަކުގައި މަސައްކަތްކުރާ ހަތަރު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އެއަށްފަހު ފުލުހުން ވަނީ މުޒާހަރާގައި ބައިވެރިވި ބައެއް ދޯނިތަކަށް އަރައި، ދެ ދޯންޏެއްގެ ކޮންޓްރޯލް ވެސް ނަގައިފައެވެ. އެ ދޯނިތައް ގެންދިޔައީ ފުލުހުންގެ މަރުކަޒެއް ކަމަށްވާ ދޫނިދޫއަށެވެ.

މުޒާހަރާ ރޫޅާލުމަށްޓަކައި، މުޒާހަރާ ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރާއި އިތުރު ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ކޮންމެއަކަސް މަސްވެރިންގެ އަޑުއަހަން ސަރުކާރަކަށް ނުކުރެނުތާ އިހުތިޖާޖަށް ހުރަސްއަޅައި އެންމެ ފަހުން ސަަލާމަތީ ބާރުތައް މެދުވެރިކޮށް ބާރުގެ ބޭނުންކޮށްގެން މަސްވެރިން ހައްޔަރުކުރުމުން ދައްކުވައިދިނީ ސަރުކާރުން މަސްވެރިންގެ އަޑުއަހަން ބޭނުންނުވާ ކަމެވެ. މަސްވެރިންގެ އަޑުއެހުމުގެ ގާބިލްކަން ސަރުކާރުގައި ނެތް ކަމެވެ.



މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެފައިވީނަމަވެސް، ސަރުކާރުން މަސްވެރިންގެ އަޑެއް ނާހާކަމަށާއި، ވީ ވައުދުތައް ހަނދާންނައްތާލާފައިވާ ކަމަށް މަސްވެރިން ބުނެއެވެ. އެކި ފަރާތްތަކާ މަޝްވަރާކޮށްގެން ވެސް ހައްލެއް ނުލިބުނު ކަން މަސްވެރިން ފާހަގަކުރެއެވެ.



އެންމެ ފަހުން ހަނދާނަށް އައީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ފަސް އަހަރު ކުރިން ކުރެއްވި ޓުވީޓެކެެވެ. އެ ޓުވީޓުގައި ރައީސް މުޢިއްޒު ވިދާޅުވީ މަސްވެރިންގެ ދުވަހު މަސްވެރިންނަށް މި ސަރުކާރުން ޖައްސާފައިވަނީ ހިތްދަތި ޝުޢޫރު ފާޅުކުރުން ކަމަށެވެ. މުޢިއްޒު އޭރު ވިދާޅުވީ "މި ނާގާބިލް ޒިންމާދާރުކަން ކުޑަ ސަރުކާރުން މަސްވެރިން ނިކަމެތިކޮށް މަސްވެރިކަމުގެ ސިނާޢަތް އިނދަޖައްސާލާފި" ކަމަށެވެ.

ކޮންމެ އަކަސް ވަގުތާއި ހާލާތަކީ ބަދަލުވާ އެއްޗެކެވެ. މިއަދު ވެރިކަމުގައި އާރާ ބާރުގައި ހުންނެވީ ރައީސް މުޢިއްޒެވެ. މިއަދު ވެސް އޮތީ ހަމަ އެހާލަތެވެ. އޭރު ދެއްކި ވާހަކަ މިއަދު ރައްދުވަނީ ރައީސް މުޢިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށެވެ. މުސްކުޅިން ބުނެއުޅޭ ފަދައިން ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައެވެ. އިއްޔެ މި ފެނުނީ އެ މަންޒަރެވެ.



ކިޔުންތެރިންގެ ހިޔާލު