މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބަންދުގައި ހުންނެވި މައްސަލައާ ގުޅިގެން، އޭނާ ހައްޔަރުކުރުމުގައި އަމަލުކުރި ގޮތް ބެލުމަށްފަހު އިތުރު ބައްދަލުވުމެއް ބޭއްވުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި ނޫންނަމަ، މެންބަރަކު ތަހުގީގަކަށް ހައްޔަރުކުރުމަށް ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ އަމުރެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި، މެންބަރަކު ހައްޔަރުކުރެވޭ ހާލަތެއްގައި، މަޖިލީހުގެ ރައީސަށް އެކަން ލިޔުމުން އެންގުމަކީ ލާޒިމުކަމެކެވެ.

މައުރޫފް ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަންނެލި އޮޑިއެއްގެ ވީލްހައުސްގައި ހުއްޓައި ގަދަކަމުންނެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަކަށް އެރުވުމަށްފަހު ގެންދިޔައީ ދޫނިދޫއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މެމްބަރު ޒާކިރު ކުރެއްވި ޖިނާއީ ކުށެއް ކަމެއް، ނުވަތަ އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ، ހައްޔަރުކުރި ތިން މީހުން ހައްޔަރުކުރެވުނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ.

މި މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެހެންކަމުން، ރޭ އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ މި ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލު މަޖިލީހަށް ގެނައުމަށް ތާއީދުކުރައްވާފައެވެ.

ބީކޭއެމްޔޫ އިން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ ޑިސެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީގައެވެ. މި މުޒާހަރާ ފެށިއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ކަންނެލި މަސްވެރިކަން ކުރާ 49 އުޅަނދު މި ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ. ފުލުހުން މިހާރު ވަނީ ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖް ރޫޅާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު