މަރްޔަމް ނަހްދާ ވަޙީދު   12 ޑިސެމްބަރު 2025 - 10:50
ހުޅުމާލެއިން އުޅަނދުތައް ޓޯކުރުން-
ހުޅުމާލެއިން އުޅަނދުތައް ޓޯކުރުން-
ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ދޫކޮށްލާފައި ހުރި 787 އުޅަނދު ޓޯކޮށްފިއެވެ.

ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމަށް ކުރި މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. ފުލުހުން މި މަސައްކަތް ކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 7 އިން ފެށިގެން 11 ވަނަ ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށެވެ.

މި މުއްދަތުގެ ތެރޭގައި ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 އިން ޖުމްލަ 787 އުޅަނދެެއް ފުލުހުން ވަނީ ޓޯ ކޮށްފައެވެ. މީގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދަކާއި ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑު ނެތި މަގުމަތީގައި ބަހައްޓާފައި ހުރި 186 އުޅަނދެއް ހިމެނެއެވެ. އަދި މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދެއްވެސް ޓޯކޮށްފައިވާކަމަށް ފުލުހުން ހާމަކުރިއެވެ.

މިގޮތަށް ޓޯކުރެވޭ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ އެންމެހައި ޓްރެފިކް ޖޫރިމަނާ ދެއްކުމަށްފަހު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ދިއުމުން ފުލުހުން ދޫކުރާ ސްލިޕާއެކު ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމް ހަމަޖެހޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޓޯ ކުރާ އުޅަނދުތައް ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިޔުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުންކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މިގޮތަށް ގެންދާ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރުކުރާނެކަމަށެވެ.

އަދި ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސްހުރި އުޅަނދުތަކާމެދު ޓޯ ކުރާ އުޅަނދުތަކާ ގުޅޭގޮތުން އަމަލުކުރަމުންދާ އުޞޫލުގެ ތެރެއިން އަމަލުކުރާނެކަމަށް ފުލުހުން ހާމަކުރިއެވެ. އެގޮތުން ޓޯ ކުރާ އުޅަނދުތައް 7 ދުވަސް ފަހުން އާންމުކޮށް އިޢުލާންކޮށް އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ. އެ މުއްދަތުގެ ތެރޭގައި ހަވާލުނުވެ ހުރި އުޅަނދުތައް ޤާނޫނާއި ޤަވައިދުތަކުގައި ވާގޮތުގެމަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންގެދާނެކަމަށްވެސް ފުލުހުން ނެރުނު ބަޔާނެއްގައި ވެއެވެ.

ފުލުހުން ބުނީ މި މަސައްކަތުގެ ސަބަބުން ހުޅުމާލެ މަގުތަކަށް އައިސްފައިވާ ހިތްފަސޭކަމާއި ފަސޭހަކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު