އާރުޑީސީގެ މުވައްޒަފުން މަސައްކަތުގައި
އާރުޑީސީގެ މުވައްޒަފުން މަސައްކަތުގައި
ސަރުކާރު ކުންފުނިތަކުގެ އަމަލުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކޭޝްފްލޯގެ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހި، ބައެއް ކުންފުނިތައް ބަނގުރޫޓުވަމުންދާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ، އާރުޑީސީއަށް އަމިއްލަ ކުންފުންޏަކަށް 7 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތު ގޯސް ކަމުން ކަމަށް އެކުންފުނިން ކޯޓުގައި ބުނެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން އަމްރު މީސްމީޑިއާގައި ވިދާޅުވީ، އަމިއްލަ ފަރާތްތަކަށް ފައިސާ ނުދެވެނީ ކޭޝްފްލޯގެ މައްސަލައަކުން ކަމަށް ކުންފުނިތަކުން ބުނި ނަމަވެސް، ޙަޤީޤަތުގައި އެއީ ހިންގުމުގެ މައްސަލައެއް ކަމަށެވެ.

"އަމިއްލަ ފަރާތްތަކާ މަސައްކަތް ހަވާލުކުރަންވާނީ ކުންފުނިން ފާސްކޮށްފައިވާ ބަޖެޓާއި ލިބިފައިވާ ވަސީލަތްތަކުގެ އިންތަކުގެ ތެރެއިން." އަމްރު ފާހަގަކުރެއްވިއެވެ.

އަމްރު ވިދާޅުވީ ކަނޑައަޅާފައިވާ ބަޖެޓަށް ނުބަލާ ޕްރޮޖެކްޓްތައް ހިންގަން ފެށުމުން، އެކަމުގެ ތަކްލީފް އުފުލަންޖެހެނީ ކޮންޓްރެކްޓަރުންނާ ސަޕްލަޔަރުން ކަމަށެވެ.

"ފައިސާ ދެއްކެން ނެތުމަކީ ކޯޓުގައިވެސް ބަލައިގަންނަ އުޒުރެއް ނޫން. އެއިން ދައްކައިދެނީ މަސައްކަތަށް އެއްބަސްވެ ހަވާލުކުރީ އެކަމަށް ހަރަދުކުރާނެ ފައިސާ ނެތިކަން." އަމްރު ވިދާޅުވިއެވެ.

އޭގެއިތުރުން އަމްރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ މިފަދަ އަމަލުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކޭޝްފްލޯގެ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހި، ކުންފުނިތައް ބަނގުރޫޓުވަމުންދާ ކަމަށެވެ. އަދި މިއީ މަސައްކަތާ ނުބައްދަލު ބޮޑެތި އަގުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތްކުރުވާ އެއް ސަބަބު ކަމަށްވެސް އަމްރު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު