ރައީސް ގަލޮޅު ރައްޔިތުންނާ ބައްދަލުކުރުމުގެ ތެރެއިން
ރައީސް ގަލޮޅު ރައްޔިތުންނާ ބައްދަލުކުރުމުގެ ތެރެއިން
ރައީސް ޑރ. މުޙައްމަދު މުއިއްޒު ރަނގަޅު މަސައްކަތްތަކެއް ކުރެއްވުމަށް އަޒުމު ކަނޑައަޅުއްވައިގެން ހުންނެވި ނަމަވެސް ވަޒީރުންގެ ގޮތުގައި ތިބީ އިހުލާސްތެރިން ނޫންކަމަށް ބުނެ ރައީސް ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޢާއްމު ރައްޔިތަކު ޚިޔާލުފާޅު ކޮށްފިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި މީހަކު ބުނެފައިވަނީ، މިހާރުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން މަސައްކަތް ކުރަށްވަނީ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާއާ ޖެއްސުމަށް ކަމަށެވެ. އަދި ރައީސް ކޮންމެ ވުޒާރާއަކަށް ވަޑައިގެން އެތަނުގެ ކަންކަން ވަކިވަކިން ބެއްލެވުމުން ނޫނީ، މިކަންތައްތައް އެނގިވަޑައި ނުގަންނަވާނެކަން އޭނާ ފާހަގަކުރިއެވެ.

އެގޮތުން އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައިވެއެވެ. އެގޮތުން ގަރާޖެއް ނެތްނަމަ، މާލޭގައި ހަތަރުފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ގަވާއިދު ހެދި ފަހުން ވެސް، 4700 އުޅަނދު ރަޖިސްޓްރީ ކޮށްފައިވާތީ އެ ގަރާޖުތައް ކޮބައިތޯ އޭނާ ސުވާލު ކޮށްފައިވެއެވެ.

އަދި ވާހަކަ ދެއްކި ފަރާތަކީ މާލޭގައި އަމިއްލަ ގެދޮރު ހުރި މީހެއް ނަމަވެސް، ގަރާޖެއް ނެތުމުން ކާރެއް ރަޖިސްޓްރީ ނުކުރެވޭ ކަމަށާއި، ޓްރާންސްޕޯޓް މިނިސްޓަރު މަސައްކަތް ކުރަނީ ރައީސާއި ރައްޔިތުންނާ ޖެއްސުމަށް ކަމަށް ބުނެ، އެ މިނިސްޓަރުގެ އަމާޒަކީ ޓެކްސީތައް އިނދަޖައްސާލުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"އެހެންވެގެން މިދަންނަވަނީ، ޓްރާންސްޕޯޓް މިނިސްޓަރަކީ ހަމަ ސީދާ ދިވެހި ރައްޔިތުންނާ، މަނިކުފާނު ޖައްސަން ވެގެން މަސައްކަތްކުރާ ބޭފުޅެއް.. މިބުނީ ޓްރާންސްޕޯޓް މިނިސްޓަރ އެބަހުރި ބުނެފަ ތިމަންނަގެ ބޭނުމަކީ ޓެކްސީ ހިންދާލުމޭ. މި މޭރުމުން ބުނި. ހަމަ ހިންދާލުމޭ. އެހެންވީމަ އެވަރުގެ ޓްރާންސްޕޯޓް މިނިސްޓަރެއް ތިބޭފުޅާ ތި ގެންގުޅުއްވަނީ. ދެން ކިހިނެތްތޯވާނީ؟" އެމީހާ ބުނެފައިވެއެވެ.

ރައީސް ޑރ. މުޢިއްޒުގެ މޭޔަރު ކަމުގައި، ހަތަރުފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށްޓަކައި ބިމެއް ހޯދައި، ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވިކަން ފާހަގަކޮށް، މިހާރު ރައީސުލްޖުމްހޫރިއްޔާއަކީ އެމަނިކުފާނު ކަމަށްވާއިރު، މިހާރު އެއްބާރުލުން ދޭންވީ ކޮން ފަރާތަކުންތޯ އޭނާ ސުވާލުކުރިއެވެ.

ހަމައެއާއެކު މިހާރު ޑޮކްޓަރު ލިޔެދޭ ރަނގަޅު ބޭސް އާސަންދައިން ނުލިބޭ ކަމަށާއި، އާސަންދައިން ލިބެނީ ހަމައެކަނި "ޕެނަޑޯލް" އާއި "ޕެރިސްޓަމޯލް" ކަމަށް ބުނެ، ބޭސްފަރުވާގެ ހާލަތު ދަށްވެފައިވާކަން އޭނާ ފާހަގަކުރިއެވެ.

އެހެންކަމުން ރައީސް ކިތަންމެ ރަނގަޅަށް މަސައްކަތް ކުރެއްވިޔަސް، އިޚްލާސްތެރި ބައިވެރިން ނެތްނަމަ ކަމެއް ރަނގަޅަށް ނުދާނެ ކަމަށާއި، ކެބިނެޓަށް ހޯއްދަވަންވީ އިޚްލާސްތެރި، ތެދުވެރި، ނިކަމެތި ރައްޔިތުންނަށް އޯގާތެރި މީހުން ކަމަށާއި، ހަމައެކަނި ޕާޓީއަށް ސޮއިކުރާ މީހުންނަށް ވަޒީފާ ދިނުމުން އިޚްލާސްތެރި ނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެހެން ހެދީމަ ކޮން އިހުލާސްތެރިއެއް އެމީހުން ވާނީ. މާދަމާ އަނެއްކާ އަނެއްކޮޅަށް އޭނަ އިހުލާސްތެރި ވާނެއެއްނު. އެކަހަލަ ކަންތައްތައް ކުރައްވާތީ އަސްލު ރައްޔިތުންނާއި މަނިކުފާނާ ޖެހެނީ. މަނިކުފާނުގެ ކެބިނެޓަށް ހޯއްދަވަންވީ މަނިކުފާނަށް އިހްލާސްތެރި ތެދުވެރި ނިކަމެތި ރައްޔިތުންނަށް އޯގާތެރި މީހުން. އޭރުން ރައްޔިތުން ވަރަށް ލޯބިވާނެ މަނިކުފާނުދެކެ. އެހެންނޫނީ ހަމަ މިމީހުން ކުރާ ހުރިހާ ނުބައިކަމެއްގެ ރުޅިއަންނާނީ މަނިކުފާނުދެކެ." އޭނާ ފާހަގަކޮށްފައިވެއެވެ.

ރައީސްގެ ކެބިނެޓްގައި ތިއްބެވީ އިޚްލާސްތެރިން ނޫންކަމަށް ފާޅުގައި ކެބިނެޓް މިނިސްޓަރުންނާއި ރައީސްގެ ކުރިމަތީގައި ޢާއްމު ރައްޔިތަކު ބުނެފައިވާއިރު، މި ސަރުކާރުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން ހިތްހަމަނުޖެހިފައިތިބިކަން ރައީސް ބާއްވަވާ ބައްދަލުވުންތަކުން ދަނީ ހާމަވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު