ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގާނޫނު އަސާސީގެ ބާރު ކަނޑުވާލައްވާފައިވާ ކަމަށާއި، މިހާރު ރީސެޓް ވާންޖެހެނީ މުޅި ނިޒާމަށްވުރެ ބޮޑަށް ރައީސް މުޢިއްޒު ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެެވެ.

ޔާމިން މިހެން ވިދާޅުވީ ޕީއެންއެފީން ރީސެޓްގެ ނަމުގައި ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވަނީ، ވާނުވާ ބަންދާ ބެހޭގޮތުން ރައީސް މުޢިއްޒުގެ އިންތިޚާބީ ވައުދުތަކާއި މިހާރުގެ ޢަމަލުތަކަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން ސިޔާސީ މީހުންދެކެ ފޫހިވަނީ ކީއްވެގެންތޯ ސުވާލުކުރެވުމުން، ރައީސް މުޢިއްޒުގެ ސްޓޭންޑަރޑް ޖަވާބަކީ "ފޫހިވަނީ ފޫހިވާންޖެހޭތީއޭ" ކަމަށެވެ. މިއީ އެއްވެސް ބަހަނާއެއް ނެތި ދައްކަވާ ވާހަކައެއް ކަމަށް ސިފަކުރައްވައި، ޔާމީން ސުވާލު އުފެއްދެވީ މި ވާހަކަތައް މިހާރު ފިޓުވަނީ ކާކަށްތޯއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ބާރުއަޅުއްވައި ފާޑުވިދާޅުވީ ވާނުވާ ބަންދުގެ މައްސަލައަށެވެ. ރައީސް މުޢިއްޒު އިންތިޚާބީ ވައުދުތައް ވެރިކަމަށް ވަޑައިގެން ފުއްދަވާފައިނުވާ ކަމަށް ތުހުމަތުކުރައްވައި ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒު އިންތިޚާބަށް ކުރިމަތިލައްވައިގެން ހުންނެވިއިރު ވާނުވާ ބަންދަށް ބަދަލު ގެންނާނެ ކަމަށާއި މީހުން އަހަރު ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ވާނުވާ ބަންދުގައި ތިބުމަކީ ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް، މިހާރުވެސް ވާނުވާ ބަންދުގައި މީހުން ތިބެންޖެހިފައިވާ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

ޔާމީން ވިދާޅުވީ، ވާނުވާ ބަންދު ޖަހަންވާނީ ހަމައެކަނި ބޮޑެތި ޖަރީމާތަކަށް ކަމަށާއި، މިސާލަކަށް ބޮޑެތި މަސްތުވާތަކެތީގެ މައްސަލަތަކާއި، ޓެރަރިޒަމް ފައިނޭންސް ކުރާ މީހުން ފަދަ މައްސަލަތަކަށް ކަމަށެވެ. އަދި އިންތިޚާބުގެ ދުވަސްވަރު ދެއްކެވި ވާހަކައާ ޚިލާފަށް، ވާނުވާ ބަންދަށް އެދޭކަށް ފުލުހުންނަށް ނުޖެހޭ ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާގެ ދަށުން ހިނގާ މުއައްސަސާއެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ފުލުހުން ވާނުވާ ބަންދަށް ނޭދޭނަމަ ޕްރޮސިކިއުޓަރ ޖެނެރަލް ވެސް ނޭދޭނެ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

ޔާމީން ވަނީ ރައީސް މުޢިއްޒުގެ ވާހަކަތަކުގެ ތަފާތު ބޮޑުކަމަށް ސިފަކުރައްވައި، އެއީ ސުންނީ މަޒްހަބާއި ޝިއީ މަޒްހަބާއި ދެމެދުގައި އޮންނަ ތަފާތަށްވުރެ ބޮޑު ތަފާތެއް ކަމަށާއި، ދީންތަކުގެ ތަފާތާ އެއްވަރުގެ ތަފާތެއް ކަމަށް ވިދާޅުވެފައެވެ. މިވަރުގެ މީހަކު ވެރިކަމުގައި ހުންނަވައިގެން މިފަދަ ވާހަކަތައް ދެއްކެވުމުން އެ ވާހަކަ ގަބޫލުކުރާނީ ކާކުތޯ ޔާމީން ސުވާލުކުރެއްވިއެވެ. އަދި ރައްޔިތުންނަށް ހެޔޮއެދިގެން ވާނުވާ ބަންދާ ބެހޭގޮތުން ވާހަކަ ދެއްކެވި ބޭފުޅާ ހޯދައި، އެބޭފުޅާއާ ގިނަ ސުވާލުތަކެއް ކުރަންޖެހޭ ކަމަށާއި، އަދި އެބޭފުޅާ މިހާރުގެ ރައީސަށް އެކަން ކިޔައިދޭންޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ ވާނުވާ ބަންދުގައި މީހުން ތިބުމަކީ ކިހާ އަނިޔާވެރި ކަމެއްތޯ ސުވާލު ކުރައްވައި އެހުރިހާ ފިލާވަޅެއް ނަގާ ނިމުމުން ރީސެޓް ވާންޖެހެނީ ކޯއްޗެއްތޯ ސުވާލު ކުރަށްވާފައެެވެ.

"ނިޒާމްތޯ ރީސެޓް ވާންޖެހެނީ، ނޫނިއްޔާ މުޢިއްޒުތޯ ރީސެޓް ވާންޖެހެނީ. ބޮޑުތަނުން ރީސެޓް ވާންޖެހެނީ މުޢިއްޒު،" ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒު ދައުލަތުގެ ހުރިހާ ކަމަކަށް ބާރު ފޯރުވައި، މައްސަލަތައް ބެލުމަށާއި، މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހުރަސްއަޅައި، މުޅި ނިޒާމު އެއް އަތަކަށް ކަހާލައިގެން، މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އަދި، ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގެ ފުރުސަތު ނުދީ، އެމަނިކުފާނު ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. މިހާރު ވެރިކަމުގައި ހުންނެވީ ރައީސް މުޢިއްޒު ކަމަށްވާއިރު، "ރީސެޓް" ކުރުމާއި، "ރިވައިންޑް" ކުރުމާއި، ހުރިހާ ކަމެއް ކުރަންވީ އެމަނިކުފާނުގެ ކަމަށް ޔާމީން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު