ވެރިރަށް މާލެ
ވެރިރަށް މާލެ
ޒިންމާދާރު ރައްޔިތެއް ނުލައި ޒިންމާދާރު ވެރިން ނުލިބޭނެ ކަމުގެ ހަޤީޤަތް މިއަދު ދިވެހި ރައްޔިތުން ޤަބޫލުކުރަން ޖެހިއްޖެއެވެ. ރާއްޖޭގެ ޒުވާނުންގެ މެދުގައި ފެތުރެމުންދާ މި ޚިޔާލަކީ، ރައްޔިތުންނާއި ވެރިންނާ ދެމެދުގައިވާ ނުފެންނަ ގުޅުމުގެ ހަޤީޤަތް ހާމަކޮށްދޭ ކަމެކެވެ.

ރައްޔިތުންގެ ތެރެއިން އުފެދޭ ވެރިން

ޤައުމުގެ ވެރިންނަކީ އުޑުން ވެއްޓޭ ބައެއް ނޫނެވެ. އެއީ ރައްޔިތުންގެ ތެރެއިން އިންތިޚާބުކުރެވޭ، ރައްޔިތުންގެ ސިފަތައް އެކުލެވިގެންވާ ބައެކެވެ. އެހެންކަމުން، ޒިންމާދާރުކަން ކުޑަ ރައްޔިތުން ތިބޭ މުޖުތަމައުގައި ޒިންމާދާރު ވެރިން އުފެދުމަކީ އުނދަގޫ ކަމެކެވެ. ޒިންމާދާރުކަން ކުޑަ ރައްޔިތުން ތިބޭ ޤައުމެއްގައި ވެރިކަމަށް ކުރިމަތިލާ މީހުންނަކީވެސް ޒިންމާދާރުކަން ކުޑަ ބަޔަކަށް ވުމުގެ ފުރުޞަތު ބޮޑެވެ.

"ވެރިން އަންނަނީ ރައްޔިތުންގެ ތެރެއިން. އެހެންކަމުން ޒިންމާދާރު ރައްޔިތުން ނެތުމުން ވެރިންގެ ގޮތުގައިވެސް އަންނާނީ ޒިންމާދާރުކަމެއް ނެތް މީހުން. ރައްޔިތުން ޒިންމާދާރު ވުމުން، ދެން ވެރިންގެ ގޮތުގައިވެސް އަންނާނީ ޒިންމާދާރު މީހުން," މިފަދައިން ބުނެފައިވަނީ ޤައުމީ މަސްލަހަތު އިސްކުރާ ޒުވާނުންގެ ޖަމްޢިއްޔާއެއްގެ ރައީސް އަޙްމަދު ޝާހިދެވެ.

ވޯޓުގެ ޒިންމާދާރުކަން؛

ޤައުމުގައި ތިބި ހެޔޮ ވިސްނޭ ޒިންމާދާރު ޒުވާނުންގެ ބުނާގޮތުން، ރައްޔިތުން އެންމެ ބޮޑަށް ޒިންމާދާރުވާންޖެހޭ ވަގުތަކީ ވެރިން އިންތިޚާބުކުރާ ވަގުތެވެ. އިންތިޚާބުގެ ވަގުތު ޤައުމުގެ ހަޤީޤީ މައްސަލަތައް ނޭނގޭ ކެންޑިޑޭޓުން ދިއްކޮށްލާ މަދު ލާރިކޮޅަކަށް ގިނަ މީހުން ވޯޓު ދިނުމަކީ ޤައުމަށް ދިމާވާ އެންމެ ބޮޑު މައްސަލައެވެ.

"އިންތިޚާބަށް ބައެއް ކަހަލަ ވެރިން ވަޢުދުވަނީ އެއީ ކުރެވޭނެ ކަމެއްތޯ އެއްވެސް ވަރަކަށް ބަލާނުލާ. މިގޮތަށް މި ސަރުކާރުންވެސް ބޮޑެތި ވަޢުދުތަކެއް ވެފައިވޭ. އެހެންނަމަވެސް، އެ ވަޢުދުތައް ފުއްދޭނެ ގޮތެއް ނެތްކަން މިހާރު ވަނީ ހާމަވެފައި," ޤައުމީ ޒިންމާދާރު ޒުވާނުންގެ ނެޓްވާރކްގެ ސެކްރެޓަރީ ފާތިމަތު ނަޒްހާ ބުނެފައިވެއެވެ.

ރައްޔިތުންގެ ބާރު؛

ރައްޔިތުންގެ ބާރު ދައްކާލުމަށް ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރުއެވެ. އެއީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބުގެ ވަގުތެވެ. ނަމަވެސް، މި ބާރު ބޭނުންކުރަނީ ކިހާ ޒިންމާދާރު ގޮތަކަށްތޯ ސުވާލު އުފެދެއެވެ. މަދު ލާރިކޮޅަކަށް ޤައުމުގެ މުސްތަޤްބަލު ވިއްކާލުމުން ލިބޭނީ ހަމައެކަނި ގެއްލުންކަން މިހާރުގެ ވެރިކަމަށް ބަލާލުމުން ވެސް ފުދޭނެކަމަށް ގިނަ ބަޔަކު ބުނެއެވެ.

"ރައްޔިތުން މިހާރު މި ޖެހުނު ގިލަން ވެރިކަމުގެ ޒިންމާވެސް ނަގަން. ތެދަށް ބުނާނަމަ ހަމަ ދިވެހި ރައްޔިތުން. އެމީހުން އިންތިޚާބުކުރީ އަޅުގަނޑުމެން. އެހެންކަމުން، ނަތީޖާއަށްވެސް ޒިންމާވާންޖެހޭނީ އަޅުގަނޑުމެން," ސިޔާސީ މަޝްރަހު ދިރާސާކުރާ މާހިރަކު ވިދާޅުވެފައިވެއެވެ.

ޒިންމާދާރު މުޖުތަމަޢުއެއް ބިނާކުރުން؛

ޒިންމާދާރު ވެރިން ބޭނުންވާނަމަ، ފުރަތަމަ ޒިންމާދާރު ރައްޔިތުންތަކެއް އުފެއްދުމަށް މަސައްކަތްކުރަންޖެހެއެވެ. މިކަމަށްޓަކައި ތަޢުލީމީ ނިޒާމު މެދުވެރިކޮށް ޒުވާނުންގެ ކިބައިގައި ޤައުމީ ޝުޢޫރު އަށަގެންނެވުމާއި، ސިޔާސީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަންޖެހެއެވެ.

"ޒިންމާދާރު ރައްޔިތުންތަކެއް އުފެއްދުމަށް ސްކޫލް ފެންވަރުން ފެށިގެން ޤައުމީ ވާޖިބުތަކާއި ޒިންމާތަކުގެ މުހިންމުކަން ކުދިންނަށް އަންގައިދޭންޖެހޭ. ޑިމޮކްރަސީގެ ހަޤީޤީ މާނައަކީ ހަމައެކަނި ވޯޓުލުމެއް ނޫން. އެއީ ޒިންމާދާރުކަމާއެކު ވޯޓުލުން," ޒުވާނަކު ބުންޏެވެ.

ޒިންމާދާރު ވެރިން ބޭނުންވާނަމަ، ރައްޔިތުންވެސް ޒިންމާދާރުވާން ޖެހެއެވެ. ރައްޔިތުންގެ ޒިންމާދާރުކަމުގެ އައިނުން ފެންނާނީ ވެރިންގެ ޒިންމާދާރުކަމެވެ. ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގައި ކޮންމެ ރައްޔިތަކުވެސް އަދާކުރަންޖެހޭ ޒިންމާއެއް އެބައޮތެވެ. އެންމެ ބޮޑު ޒިންމާއަކީ އިންތިޚާބުގެ ވަގުތު ޤައުމުގެ މަސްލަހަތު އިސްކޮށް، ޒިންމާދާރު ވެރިން ހޮވުމެވެ.

ރައްޔިތުން ޒިންމާދާރުވެގެން މެނުވީ ޒިންމާދާރު ވެރިން ނުލިބޭނެކަން މިއަދު ދިވެހި ރައްޔިތުން ދަންނަންޖެހިއްޖެއެވެ.



ކިޔުންތެރިންގެ ހިޔާލު