އަހުމަދު މަސްނޫމް   21 ޑިސެމްބަރު 2025 - 21:53
ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޮނު ގެންދިއުން މަނާކޮށް، ކިޔަވައިދޭ ގަޑީގައި އޭލެވެލް ކުދިން ފޯނު ބޭނުން ކުރުން މަނާ ކުރާނެކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންނާއި ގާތުން ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި، ނަމަވެސް މި ސިޔާސަތު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވިފައިނުވާ ކަމަށެވެ. މިކަމުގެ ސަބަބުން މިހާރު ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލަ ބޮޑުވަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، އަންނަ ދިރާސީ އަހަރު ފެށުމުން، ގްރޭޑް 10 އިން ދަށުގެ އެއްވެސް ދަރިވަރަކު ސްކޫލަށް ފޯނު ގެންދިއުން މަނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކުރާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވުނެ ނަމަވެސް، ކިޔަވައިދޭ ވަގުތުގައި ފޯނު ބޭނުންކުރުން މަނާކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ސިޔާސަތު ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރެވޭނެ. ރަސްމީ ސްކޫލް ގަޑީގައި ގްރޭޑް 10 އިން ދަށުގެ ދަރިވަރުންނަށް ފޯނެއް ބޭނުމެއް ނުކުރެވޭނެ. ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ފޯނު ގެންދެވޭނެ ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ދަނީ ސްކޫލްތަކުގައި ބެހެއްޓުމަށް ލޮކަރ ސިސްޓަމެއް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުން. ކްލާސް ގަޑީގައި އެއްވެސް ދަރިވަރަކު ފޯނު ބޭނުންކުރުން މަނާކުރުމަށްޓަކައި، ކިޔަވައިދޭ ވަގުތުގައި އެ ފޯނުތައް ލޮކަރުގައި ބަންދުކޮށް ބަހައްޓަން ޖެހޭނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ކިޔެވުން ނިމުމުން ފޯނު ލިބޭނެ ގޮތަށް އަންނަ ދިރާސީ އަހަރުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. އެއީ އެ ދަރިވަރުންގެ އުމުރަށް ރިއާޔަތްކޮށް، ހުސްވަގުތުތަކުގައި ފޯނު ބޭނުންކުރެވުން މުހިންމު ކަމަށް ގަބޫލުކުރައްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލުތައް ގެންނަވާފައިވަނީ ބެލެނިވެރިންގެ ފަރާތުން ހުށަހެޅިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު