ބާމިއުޑާގެ ރަށްތަކަކީ ސައިންސްވެރިންނަށް ހާއްސަ ރައްތަކެކެވެ. އެއީ އެ ސަރަހައްދުގައި އޮންނަ މަޝްހޫރު 'ބާމިއުޑާ ޓްރޭންގަލް' ގެ ސަބަބަކުން ނޫނެވެ. ނަމަވެސް، ސައިންސްގެ އާންމު ތިއަރީތަކާ ހިލާފަށް، ބިމުގެ އަޑިން އުފުލިފައިވާ ފަށަލައެއްގެ މަތީގައި އެ ރަށްތައް އުފެދިފައި އޮތުމުންނެވެ.

މިހާރު، ކާނެގީ ސައިންސްގެ ވިލިއަމް ފްރޭޒަރ އާއި ޔޭލް ޔުނިވަރސިޓީގެ ޖެފްރީ ޕާކް ނަމަކަށް ކިޔާ ދެ ސައިންސްވެރިއަކު ވަނީ މިކަމުގެ ސަބަބު ހޯދާފައެވެ.

ބާމިއުޑާ އާކިޕެލަގޯއަކީ 181 ރަށުގެ މައްޗަށް އެކުލެވޭ ތަނެކެވެ. މިއީ މީގެ ގާތްގަނޑަކަށް 33 މިލިއަން އަހަރު ކުރިން އަލިފާން ފަރުބަދައެއްގެ ސަބަބުން އުފެދިފައިވާ ތަނެކެވެ.

އާންމުކޮށް، މިފަދަ އަލިފާން ފަރުބަދައިގެ ރަށްތަކުގައި (މިސާލަކަށް ހަވާއީ)، އެކި ދުވަސްވަރު އުފެދިފައިވާ ފަރުބަދަތަކާއި، މިހާރުވެސް ހަރަކާތްތެރިވާ އަލިފާން ފަރުބަދަތަކުގެ އިތުރުން، ބިމުގެ ވަރަށް ފުނުން އަރާ 'މެންޓްލް ޕްލޫމް' (ހޫނު މާއްދާތައް) ހުރެއެވެ.

މި 'ޕްލޫމް' އަކީ ކަނޑުގެ އަޑިން ބިންގަނޑު މައްޗަށް އުފުލައިދޭ އެއްޗެކެވެ. މިއީ ހަމުގެ އަޑިން ބިއްސެއް އުފެދޭ ގޮތަށް، ބިމުގެ އަޑިން ހޫނު އަދި ލުއި މާއްދާތައް މައްޗަށް އަރައި، ކަނޑުގެ އަޑީގެ ބިންގަނޑު ދުޅަވެ، އުފުލުމުން ހިނގާ ކަމެކެވެ.

ބާމިއުޑާގައި މިފަދަ އުފުލުމެއް ފެންނަން ހުރި ނަމަވެސް، އެކަން ކުރުވާ 'މެންޓްލް ޕްލޫމް' އެއް ފެންނާކަށް ނެތެވެ. އަހަރުތަކެއް ވަންދެން އެތަނުގައި އަލިފާން ފަރުބަދައިގެ އެއްވެސް ހަރަކާތެއް ހިނގާފައި ނުވާތީ، އެ އުފުލިފައިވާ ބައި (އަދި އޭގެ ސަބަބުން މަތީގައި ހުރި ރަށްތައް) މިހާރު އޮންނަން ޖެހޭނީ އަޑިއަށް ގޮސްފައެވެ. ނަމަވެސް އެ ރަށްތައް އަދިވެސް އެބަހުއްޓެވެ.

ފްރޭޒަރ އާއި ޕާކް ވަނީ ބާމިއުޑާގެ ބިމުގެ އަޑިން ދަތުރުކުރާ ބިންހެލުމުގެ ލޮޅުންތަކުގެ ރެކޯޑުތައް ދިރާސާކޮށްފައެވެ. މި ލޮޅުންތައް ބޯ މާއްދާތަކުގެ ތެރެއިން ބާރަށް ދަތުރުކުރާއިރު، ބޯކަން ކުޑަ މާއްދާތަކުގެ ތެރޭގައި ދުވެލި މަޑުވެއެވެ. އެހެންކަމުން މި ލޮޅުންތަކުގެ ބައްޓަމަށް ބަލައިގެން ބިމުގެ އަޑީގައި ހުރީ ކޮން އެއްޗެއްކަން ދެނެގަނެވެއެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި، ކަނޑުގެ ބިންގަނޑުގެ އަޑީގައި ގާތްގަނޑަކަށް 20 ކިލޯމީޓަރު (12 މޭލު) ބޯމިނުގެ ލުއި ހިލަ ފަށަލައެއް އެބައޮތެވެ. މިއީ އާންމުކޮށް 'މެންޓްލް ޕްލޫމް' އިން ކުރާ މަސައްކަތް ކުރާ ފަށަލައެކެވެ. މި ފަށަލައިގެ ލުއިކަމުގެ ސަބަބުން، ބާމިއުޑާގެ ރަށްތައް ކަނޑުގެ ލޮނުގަނޑުން މަތީގައި ހިފަހައްޓައިދެނީއެވެ.

"އަހަރެމެންނަށް މި ފެނުނީ މީގެ ކުރިން އެއްވެސް ރިޕޯޓެއްގައި ފާހަގަކޮށްފައި ނުވާ، ކަނޑުގެ ބިންގަނޑުގެ އަޑީގައި އޮތް 20 ކިލޯމީޓަރުގެ ބޯ ފަށަލައެއް،" ދިރާސާ ކުރި ފަރާތްތަކުން ބުނެފައިވެއެވެ.

މި ފަށަލައަކީ މީގެ 30-35 މިލިއަން އަހަރު ކުރިން ބާމިއުޑާގައި އަލިފާން ފަރުބަދަ ހަރަކާތްތެރިވި ދުވަސްވަރު އުފެދިފައިވާ ފަށަލައެއް ކަމަށް ބެލެވެއެވެ.

މިއީ ބާމިއުޑާ އެޓްލާންޓިކް ކަނޑުގެ އަޑިއަށް ފެތިގެން ދިޔަ ނުދީ ހިފަހައްޓައިދޭ މައިގަނޑު ސަބަބު ކަމަށް ވެދާނެއެވެ. އެއީ ކަނޑުގެ ލޮނުގަނޑު މާ ބޮޑަށް އުފުލިގެން ނުދާހާ ހިނދަކުއެވެ.



ކިޔުންތެރިންގެ ހިޔާލު