މޯލްޑިވިއަންގެ އެއަރ ކްރާފްޓެއް
މޯލްޑިވިއަންގެ އެއަރ ކްރާފްޓެއް
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ފްލީޓުގައި ހިމެނޭ އެންމެ ބޮޑު މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ 320 މަރުކާގެ ބޯޓު ދިގު މުއްދަތަކަށް ގްރައުންޑްކޮށް، އެ ބޯޓު ގެނައި ފަހުން ކުންފުންޏަށް ލިބޭ ގެއްލުންތައް ބޮޑުވެފައިވާ ސަބަބު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިއްޖެއެވެ.

މާލިއްޔަތު ކޮމިޓީގައި މިކަމަށް އެދިވަޑައިގަތީ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިރެވެ. މިކަމާ ގުޅިގެން މެންބަރު ޝާކިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ސިޓީއެއް ފޮނުއްވާފައެވެ.

މި ސިޓީގައި ވަނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ކުއާޓަލީ މާލީ ރިޕޯޓްތަކުން ފައިދާ ދަށަށް ގޮސްފައިވާ މިންވަރު ފާހަގަކުރައްވާފައެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 44 އިންސައްތަ، ދެވަނަ ކުއާޓަރުގައި 35 އިންސައްތަ، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 32 އިންސައްތަ، އަދި ދެވަނަ ކުއާޓަރުގައި 24 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

މިކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން 12 ކަމެއް ސާފުކޮށްދިނުމަށް ޝާކިރު ވަނީ އެދިވަޑައިގެންފައެވެ. އޭގެތެޜޭގައި ކުންފުނީގެ ގްރޮސް ޕްރޮފިޓް މާޖިން ދަށްވެ، އާމްދަނީ އިތުރުނުވެ ހަރަދުތައް ބޮޑުވަމުންދާ ސަބަބާއި، މި ހާލަތުގައި ކުންފުނީގެ އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ގޮތަކާ ބެހޭގޮތުން ޝާކިރު ސުވާލު އުފައްދަވާފައިވެއެވެ. އަދި މިހާރު ހުރި އެއާކްރާފްޓްތައް އެކަށީގެންވާ މިންވަރަށް ބޭނުންކުރެވޭތޯވެސް އައްސަވާފައިވެއެވެ.

ހަމައެއާއެކު އެއާބަސް އޭ 320 މަތިންދާބޯޓު ޖުމްލަ ހަ މަސް ދުވަހު ގްރައުންޑްކޮށްފައި ބޭއްވި ސަބަބާއި، އަލުން ޚިދުމަތަށް ނެރުމަށް މިހާ ދިގު މުއްދަތެއް ނެގީ ކީއްވެކަން ސާފުކުރުމަށް އެދިފައިވެއެވެ. އަދި މި ދިގު މުއްދަތުގައި އާމްދަނީއަށް ލިބުނު ގެއްލުންތައް ވެސް ހާމަ ކޮށްދިނުމަށާއި، ސެޕްޓެމްބަރު މަހު ޑާކާގައި ބޯޓު ގްރައުންޑް ކުރުމުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ދިނުމަށްވެސް އެދިލަށްވާފައިވެއެވެ.

އޭގެއިތުރުން ޗައިނާގެ އޮޕަރޭޝަންތައް ހިންގަނީ ޗާޓަރު އެގްރިމެންޓްތަކެއްގެ ދަށުން ކަމަށް ވާއިރު، ބޯޓު ގްރައުންޑްކުރުމާ ގުޅިގެން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓިފައިވާތީ، މި ޗާޓަރު އެގްރިމެންޓްތަކުގެ ނަތީޖާއަކީ ކޮބައިތޯ ސާފުކޮށްދިނުމަށް ޝާކިރު ވަނީ އެދިލައްވާފައެވެ. އަދި، ނޮވެންބަރު 18 އިން ޑިސެމްބަރު 2 އަށް ސީ-ޗެކްއަށް ބޯޓު ނެގުމުގެ ސަބަބަކީ ބޯޓުގައި ސީރިއަސް މައްސަލަތަކެއް ހުރުންތޯއާއި، މިހާ ކުރުމުއްދަތެއްގެ ތެރޭގައި ތަކުރާރުކޮށް ބޯޓު ގްރައުންޑްކުރަންޖެހޭ ސަބަބުތައް ވެސް ހާމަކުރުމަށް އެދިލައްވާފައިވެއެވެ.

ހަމައެހެންމެ، ބޯޓު އެންމެ އެކަށީގެންވާ މިންވަރަށް ބޭނުންކުރަން މަހަކު 360 ގަޑިއިރު ދަތުރުކުރަންޖެހޭ ކަމުގައި ވިޔަސް، މިހާތަނަށް އެވްރެޖްކޮށް ހާސިލުކުރެވިފައިވަނީ 121 ގަޑިއިރު ކަމަށް ވާއިރު، ޗައިނާ ޗާޓަރު އޮޕަރޭޝަންތައް ނެތް ކަމަށް ވާނަމަ މި މައްސަލަ ހައްލުކުރުމަށް ކުންފުނިން ރާވާފައިވާ ގޮތް ސާފުކޮށް ދިނުމަށާއި، މިހާބޮޑު ގެއްލުންތަކެއް ލިބެމުންދާ އޮޕަރޭޝަނެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ގޮތަކާ ބެހޭގޮތުން ސުވާލު އުފައްވާފައިވެއެވެ.

ހަމައެއާއެކު، އަހަރީ ގެއްލުން 500 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ މި މަޝްރޫއަށް، ދެވަނަ މަތިންދާބޯޓު ގެނައުމުން ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާއިން ކިހާވަރެއް ބޭކާރުވެގެންދާނެތޯ ސާފުކޮށްދިނުމަށާއި، މި އަހަރުގެ ނިޔަލަށް ލިބިފައިވާ ޖުމްލަ ގެއްލުމާއި، ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާއިން ދައުލަތުން މި މަޝްރޫއަށް ކޮށްފައިވާ ހޭދަ ވެސް ހާމަކުރަން މާލިއްޔަތު ކޮމިޓީގައި ޝާކިރު އެދިލެއްވިއެވެ.

މީގެ އިތުރުން ބޮޑު ބޯޓަށް މަހަކު 350,000 އެމެރިކާ ޑޮލަރުގެ ލީޒް ހޭދައެއް ކުރެވޭއިރު، މުވައްޒަފުންނާއި އޮޕަރޭޝަންތަކުގެ އިތުރު ހަރަދުތަކާއެކު، ކުންފުނިން މިހާ ބޮޑު އަދަދެއް ފައިނޭންސް ކުރަނީ ކިހިނެއްތޯ ސާފުކޮށްދިނުމަށް އޭނާވަނީ އެދިލައްވާފައެވެ. އަދި 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިއްކުމާއި މާކެޓިންގެ ހޭދަތަކަށް ވަރަށް ބޮޑު އަދަދެއް ހޭދަވެފައިވަނީ ކީއްވެކަން ވެސް ހާމަކުރަން އެސިޓީގައި އެދިލައްވާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު