މަރްޔަމް ނަހްދާ ވަޙީދު   29 ޑިސެމްބަރު 2025 - 0:1
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ އަރުޝަދު
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ އަރުޝަދު
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދުގެ މައްޗަށް ކުރިން ސާބިތުނުވި ވައްކަމުގެ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅައި 9 މަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 20 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ގ. ނިޔުޝާރާޒުގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ވިއު ކޮންސްޓްރަކްޝަންސް އޮފީސް ފަޅާލައި އެ ތަނުގައި ހުރި ދެ ތިޖޫރީއަކަށާއި އެނޫންވެސް ބައެއް ތަކެއްޗަށް ގެއްލުންދީ ވައްކަންކުރި މައްސަލައެވެ.

މި މައްސަލާގައި އަރުޝަދުގެ މައްޗަށް ދައުލަތުން ކުރީ ވައްކަންކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ނިންމީ އޭނާގެ މައްޗަށް ދެ ދައުވާވެސް ސާބިތުނުވާ ކަމަށެވެ.

އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވަނީ އެ މައްސަލަތައް އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފައެވެ. ހައިކޯޓުގެ އަމުރަށް މި ދެ މައްސަލަ އަލުން ބަލައި މިއަދު ހުކުމް ކުރީ ދެ މައްސަލަވެސް ސާބިތުވާކަމަށެވެ.

ދެ މައްސަލައިގެ ތެރެއިން ވައްކަންކުރަން އުޅުމުގެ ކުށުގެ މައްސަލަ ސާބިތުވެ، ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވިއެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވެ، ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވިއެވެ. އެކަމަކު އޭނާ މި މައްސަލަތަކުގައި ތަންފީޒު ކުރަން ޖެހޭނީ ކުރިން ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު ދެން ބާކީ އޮތް މުއްދަތެވެ.

އަރުޝަދަކީ ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު އޮންނަ މީހެކެވެ.

2020 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަރުޝަދު ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު އޭނާ އޭރު މިނިވަންވިއެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުވެސް ކުރިއެވެ.

މީގެ އިތުރުން ފުލުހުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން މައްސަލާގައި ވެސް އަރުޝަދުގެ މައްޗަށް މަސްތުވާތަކެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތުކުރިއެވެ. ނަމަވެސް އޭގެ ފަހުން އޭނާ ހައްޔަރު ކުރަން ބެލިއިރު ވަނީ ދުބާއީއަށް ގޮސް ފިލާފައެވެ.

ފަހުން އޭނާ ލަންކާގައި ހުއްޓާ، ބަންދުގައި ބަހައްޓައިގެން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ ހައިކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރުނެެވެ. އެކަަމަކު ޕީޖީގެ އިރުޝާދަކާ ނުލާ، އޭނާ ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ވަނީ ބަންދުން ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު