ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ދައުލަތެއްގެ ހަރުދަނާކަން ދެމެހެއްޓުމަކީ ވެރިއަކަށް ހުންނަ މީހެއްގެ ޒިންމާއެއް ކަމަށާއި، ނަމަވެސް މިހާރު ވެރިކަން ކުރާ ގޮތުން ކަންކަމުގެ ސީރިއަސްކަން ގެއްލެމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެހެން ބާރުތަކަށް ނުފޫޒު ފޯރުވުމާއި، އަމިއްލަ ބޭނުމަށް ގާނޫނުތައް ބަދަލުކުރުމަކީ ރައްޔިތުންގެ އިތުބާރު ގެއްލި، ގައުމުގައި ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށެވެ.

ހާއްސަކޮށް، އިދިކޮޅު ފަރާތްތަކާ ބައްދަލުކުރަންވެސް އާންމުން ބިރުގަންނަ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމާއި، ވެފައިވާ ވައުދުތައް ނުފުއްދުމަކީ ސަރުކާރަށް އޮތް އިތުބާރު ކުޑަވެފައިވާ ސަބަބެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ހަމައެހެންމެ ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓިފައިވުމާއި، ކުލަގަދަ ރަސްމިއްޔާތުތަކަށް ބޮޑެތި ހަރަދުތައް ކުރި ނަމަވެސް އަމަލީ މަސައްކަތް ކުރިއަށް ނުދިއުމަކީ ދެރަވަރު ކަމެއްގެ ގޮތުގައި ފައިސަލް ސިފަކުރެއްވިއެވެ.

ޖުމްލަކޮށް އެ ޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ، ދައުލަތެއްގެ ސިފަ ހިފެހެއްޓޭނީ ވެރިންގެ ކިބައިގައި ހަރުދަނާކަން ހުރެގެން ކަމަށާއި، ދުވާލަކު ގޮތަކަށް އުސޫލުތައް ބަދަލުކުރާނަމަ ރައްޔިތުންގެ ކުރިމަތީގައި ވެރިކަމުގެ އަގު ވެއްޓޭނެ ކަމަށެވެ.

ފައިސަލް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ޑރ. މުޢިއްޒު މިފަހުން ބޭއްވެވި ބަައްދަލު ކުރެއްވުން ތަކުގައި ރައްޔިތުން ފާޅުކުރެއްވި ޝުޢޫރުތަކާ ގުޅިގެން ވަގުތުން ވަގުތަށް ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނެވުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު