ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާޢިލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާޢިލް ޒަރިޔަންދު
ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ތާއިދުގެ ޓިކެޓް ދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރުވެރިވާ ކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާޢިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިހެން ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ވަޑައިގަތުމަށް އޭނާ ކުރަށްވަމުން ގެންދަވާ ކެންޕޭނަށް ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ތާޢީދު ކުރަށްވާފައިވާތީ ވެރިކަން ކުރާ ޕީއެންސީގެ އިސްފަރާތްތަކުން އޭނާއަށް ފާޑުކިޔަން ފެށުމާ ގުޅިގެންނެވެ.

އެގޮތުން މިހާރު އެމްއޭސީއެލްގެ އިސް މަގާމެއްގައި ހުންނެވި މި ސަރުކާރުގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޝިއުނާ ވަނީ، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން ޒަރިޔަންދު ރައީސް ޔާމީންގެ ޓިކެޓުގައި ނިކުންނަވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

ޝިއުނާގެ ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ޒަރިޔަންދު ވިދާޅުވީ، ޤައުމީ މަސައްކަތެއްގެ އެންމެ ބޮޑު ބޭނުމަކީ އަމިއްލަ ހައިބަތާއި ޖާހާއި މަންފާއަށްވުރެ ރައްޔިތުންނަށް ތެދުވެރި އަމާނާތްތެރި ޚިދުމަތެއްކުރުމުގެ ނިޔަތް ކަމަށެވެ.

"އެފަދަ ހިދުމަތަކަށް ތިޔަފަރާތާއި، އެހެނިހެން ފަރާތްތަކުން ތާއިދުގެ "ޓިކެޓް" ދެއްވާނަމަ އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ." ޒަރިޔަންދު ވިދާޅުވެފައިވެއެވެ.

މާލޭ މޭޔަރުގެ މަޤާމަށް ވާދަކުރުމަށް ނިންމެވުމަށްފަހު ޒަރިޔަންދު ވިދާޅުވެފައިވަނީ މޭޔަރުކަމަށް ސިޔާސީ ފިކުރުން ތަތްތެޅިފައި ތިބި ބަޔަކު އައިސްފިނަމަ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އެބަޔަށް ވަގުތު ނޯންނާނެ ކަމަށެވެ. އަދި މޭޔަރު ކަމަށް ކުރިމަތިލީ ސިޔާސީ ހަރުގަނޑަކަށް ބަލައި ބޮޑު ގޮނޑިއަކަށް އަރަން ނޫންކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު