އަމިއްލަ މީޑިއާތަކަށް މިއަހަރުދޭ މާލީ އެހީތެރިކަމަށް 41 މީޑިއާއަކުން ޝަރުތު ހަމަވެފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2025 ވަނަ އަހަރު އަމިއްލަ މީޑިއާތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް 41 މީޑިއާއަކުން ޝަރުތު ހަމަވެފައިވާ ކަމަށެވެ. މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޭ ފުރަތަމަ ފަހަރެވެ.

އެމް.އެމް.ބީ.ސީ އިން ބުނީ މި ގްރާންޓަށް ހުށަހެޅުމަށްޓަކައި، ޖުމްލަ 57 މީޑިއާއަކުން "ޕްރޮފައިލް ކްރިއޭޓްކޮށްފައިވާ ކަމަށާއި މީގެ ތެރެއިން ޝަރުތު ފުރިހަމަވީ 41 މީޑިއާ ކަމަށެވެ.

މާލީ އެހީތެރިކަމަށް އެދި ހުށަހެޅި މީޑިއާތަކަށް ލިބުނު މާކްސް "ޕޯޓަލް"ގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެކަމަށް އެކޮމިޝަނުން ބުންޏެވެ. މިހާރު ހިނގަމުންދާ 2025 ވަނަ އަހަރު، ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ވަނީ ނިންމަވާފައެވެ.

މީޑިޔާ ކޮމިޝަނުން ބުނީ އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމާއެކު ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް ޖުމްލަ 8 ޝަކުވާ ލިބުނު ކަމަށެވެ. މިކަމާ ގުޅޭ ރިވިއު ކޮމިޓީން ބަލައި ދިރާސާކުރުމަށްފަހު، އޭގެ ތެރެއިން 1 ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

މީޑިޔާ ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މީޑިއާތަކަށް ދޭ މާލީ އެހީ ދޫކުރާނީ މިނިސްޓްރީ އޮފް ޔޫތު، އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާއި ކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ ގޮތަށް، އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު ޔޫތު މިނިސްޓްރީއާ ހިއްސާކުރުމުން އެ މިނިސްޓްރީން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ފޮނުވުމުން ކަމަށެވެ. އެގޮތުން، 2025 ވަނަ އަހަރު މާލީ އެހީ ލިބޭ ޝަރުތުތައް ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު ޕޭމަންޓެއްގެ ގޮތުގައި ލިބޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ދައުލަތުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ނަމަވެސް، އުސޫލު އެކުލަވައިލުމާއި އެކަމަށް ކުރިމަތިލާން ދެވޭ ވަގުތު އިންސާފުވެރިވުމަކީ މުހިންމު ކަމެކެވެ. އާ އުސޫލެއްގެ ދަށުން ކުރިމަތިލާން ކުރު މުއްދަތެއް އެކަމާ މެދު ސުވާލު އުފައްދަން ޖާގަ ލިބިގެންދެއެވެ. ހަވާ ފަޓާސް ބަރިއެއްހެން ކަންކަން ނުކޮށް، މިއަށްވުރެ މީޑިޔާ ކޮމިޝަންގެ ވެރިން ޒިންމާދާރު ވާންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު