ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ޚާލިދާ ޒިއާ، ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު އުމުރުފުޅުން 80 އަހަރުގައި އަންގާރަ ދުވަހު އަވަހާރަވެއްޖެ ކަމަށް އެކަމަނާގެ ޕާޓީ، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ބުނެފިއެވެ. ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާލިދާ ޒިއާ އުޅުއްވީ ފުރަމޭގެ ބަލިތަކާއި ، ހުޅުތަކުގެ ބަލި ، ހަކުރު ބަލި، އަދި ހިތާއި މޭގެ ބަލިތަކަށް ފަރުވާ ހޯއްދަވަމުންނެވެ.

ބީ.އެން.ޕީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ޚާލިދާ ޒިއާ އަވަހާރަވީ ފަތިސް ނަމާދަށްފަހު، ހެނދުނު 6:00 ހާއިރު" ކަމަށެވެ. އަދި އެކަމަނާގެ ފުރާނައަށް ފުއްސެވުން މިންވަރުކޮށްދެއްވުން އެދި ދުޢާކުރުމަށާއި، އެންމެހައި ބޭފުޅުން އެކަމަނާގެ ފުރާނައަށްޓަކައި ދުޢާކޮށްދެއްވުމަށް އެ ޕޯސްޓުގައި އެދިފައިވެއެވެ.

އެ ޕާޓީގެ ސްޓޭންޑިންގ ކޮމިޓީގެ މެންބަރެއް ކަމަށްވާ ސަލާހުއްދީން އަޙުމަދާ ހަވާލާދީ 'ޕްރޮތޮމް އާލޯ' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާލިދާ ޒިއާގެ ކަށުނަމާދު ބުދަ ދުވަހު ޑާކާގެ މަނިކް މިއާ އެވެނިއުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ބޮޑުވަޒީރު ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ތަފާތު ބަލިތަކަށް ފަރުވާ ހޯއްދަވާފައެވެ.

މީގެ އިތުރުން، ޔަތީމުންނަށް އެހީވުމަށް ހުރި ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ 2008 ވަނަ އަހަރު އުފުލި ކޮރަޕްޝަންގެ މައްސަލައެއްގައި 2018 ވަނަ އަހަރު ޒިއާގެ މައްޗަށް ކުށް ސާބިތުވެ، ޖަލު ހުކުމެއް އިއްވުނެވެ.

ޝެއިޚް ހަސީނާ ވެރިކަމުން ދުރުވުމާ ގުޅިގެން، ޚާލިދާ ޒިއާ ގޭބަންދުން މިނިވަންކުރެވުނެވެ. މީގެ ކުރިން އަވާމީ ލީގުގެ ލީޑަރު (ޝެއިޚް ހަސީނާ) ވަނީ 2020 ވަނަ އަހަރު، ޒިއާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ގައުމުން ބޭރަށް ވަޑައިނުގެންނެވުމަށާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގެންނެވުމަށް ޝަރުތުކޮށް، އެކަމަނާގެ ޖަލު ހުކުމް ތަންފީޒުކުރުން މެދުކަނޑާލާފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ ޒިއާ ކުށްވެރިނުވާ ކަމަށް ނިންމައި، ކޮރަޕްޝަންގެ މައްސަލައިގައި ކުރިން އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ބާތިލްވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު