އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ގަރާރަކުން ހިރިމަރަދޫ ކައުންސިލް އުވާލީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ، ސަރުކާރުން ހދ. ހިރިމަރަދޫ ކައުންސިލް އުވާލަން ނިންމި ނިންމުމާއި ގުޅިގެންނެވެ. އޭނާ ވިދާޅުވީ، ހިރިމަރަދޫ ކައުންސިލް އުވާލަން ސަރުކާރުން ނިންމީ، އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހދ. ހަނިމާދޫއިން ސަރުކާރު ހިންގާ ޕީއެންސީއަށް މެޖޯރިޓީ ނުލިބޭނެތީ ކަމަށެވެ.

އަދި ބަޔަކު ރަށެއްގައި ދިރިއުޅެމުން ދަނިކޮށް އެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނާޅައި އެ ރައްޔިތުން ރަށަކަށް ބަދަލުކުރުމަކީ އެއްވެސް ގާނޫނަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ނޫން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"މިއީ، ހަނިމާދޫގެ މެޖޯރިޓީ ނެގުމަށްޓަކައި ސަރުކާރުން އެޅި ގާނޫނާ ހިލާފު ފިޔަވަޅެއް. އެއްވެސް ގާނޫނަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫން އެއީކީއެއް ރަށެއްގައި ބަޔަކު ދިރިއުޅެމުން ދަނިކޮށް އެމީހުން ދިރިއުޅެން ތަނެއް ނާޅާ އެމީހުންނަކީ އެ ރަށެއްގެ ރައްޔިތުން ކަމަށް ކަނޑައެޅުމަކީ." ޣަފޫރު ވިދާޅުވިއެވެ.



ޣަފޫރު ވިދާޅުވީ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް އެމްޑީޕީން ކުރިއަށް އޮތް ދުވަސްތަކުގައި އިހުތިޖާޖު ކުރާނެ ކަމަށާއި، އޭޕްރިލް މަހު ކައުންސިލް އިންތިހާބު އޮންނައިރުވެސް ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއަށް ބަދަލު ނުވެވޭނެކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، ރައީސް އޮފީހުން ބުނީ، ރައީސް މިއަދު ނެރުއްވި ޤަރާރުގެ މައިގަނޑު ބޭނުމަކީ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާ ހަނިމާދޫއަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު