ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސަނީ އުމަރު-
ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސަނީ އުމަރު-
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

"ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް ޙަރަކާތްތެރިވި ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ރާއްޖެ ދޫކޮށް ފިލާފައެވެ. އޭގެ ފަހުން އަނިޔާ ލިބުނު ކުދިންގެ އާއިލާގެ ފަރާތުންވަނީ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

އޭނާ ޑިސެމްބަރު 1 ވަނަ ދުވަހު މާލެ އައުމާއެކު މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ފުލުހަށް ހާޒިރުކުރިއެވެ. ނަމަވެސް އޭނާ ވަނީ އެދުވަހު ސުވާލުކުރުމަށްފަހު ދޫކޮށްލާފައެވެ. އަދި އޭނާ އަލުން ހައްޔަރުކޮށްފައިވަނީ ހަމަ އެރޭ، ރާއްޖެއިން ބޭރަށް ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ އަދިވެސް ހުރީ ބަންދުގައި ކަމަށް ފުލުހުން ހާމަކުރިއެވެ.

މި މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބުނުކަން ހާމަކުރިނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ސަނީ އުމަރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން މީގެ ކުރިން ކޮށްފައިވާ އަމުރުގެ މުއްދަތު ހަމަވާނީ 2026 ޖެނުއަރީ 1 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު