ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާޢިލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާޢިލް ޒަރިޔަންދު
މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް "ރަސްމާލެ"ގެ ނަމުގައި ހިންގާ ބިންހިއްކުމުގެ ބޮޑު މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ވެށީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރަށްވާ އިސްމާޢީލް ޒަރިޔަންދު ގޮވާލަށްވައިފިއެވެ.

ޒަރިޔަންދު މިއަދު ވިދާޅުވީ، މިހާރު ރޭވިފައިވާ ގޮތަށް "ރަސްމާލެ" ހިއްކުމަށް ވެލި ނަގައި، ބިންހިއްކުމަކީ ތިމާވެށި ހަލާކުކޮށްލާނެ ޖަރީމާއެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން މާލެއަތޮޅުގެ ކަނޑުއަޑީގެ ދިރުންތަކަށް ގެއްލުންތަކެއް ލިބޭނެ ކަމަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

ހަމައެއާއެކު ޒަރިޔަންދު ވިދާޅުވީ، "ރަސްމާލެ" ހިއްކުމަށް އަޅަންޖެހޭ ވެށީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ، ޓޫރިސްޓް ރިސޯރޓުތަކުން ފުރިފައިވާ މާލެއަތޮޅުގެ އެތެރެވަރިން ވެލިނަގައި މުޅި އަތޮޅުތެރެ ގަރަބުކޮށްގެން ވެލި އެޅުމަކީ ދިވެހި ރައްޔިތުންގެ ނަމުގައި އަދި ޙާއްސަކޮށް މާލޭގެ ރަށްވެހިންގެ ނަމުގައި ހިންގާ ތިމާވެށި ހަލާކުކޮށްލުމުގެ ޖަރީމާއެއް ކަމަށެވެ.

އަދި މިފަދަ ވިސްނުންކޮށި ރޭވުންތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނުރަނގަޅު އަސަރުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ އިޤްތިސާދަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ސިނާއަތުގެ މޫދު ހަރަކާތްތަކާއި ޑައިވިންގ ހަރަކާތްތަކާއި އެކްސްކާޝަން ހަރަކާތްތަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ތަނބަކީ ގުދުރަތީ ރީތިކަމާއި މުއްސަނދި ކަނޑުއަޑީގެ ދިރުންތައް ކަމަށް ވުމާއެކު، މިކަންކަމަށް ގެއްލުންވުމަކީ ދިގު މުއްދަތުގައި ގައުމަށް ގެއްލުންވާނެ ކަމެއް ކަމުގައި ޒަރިޔަންދު ފާހަގަކުރެއްވިއެވެ.

"2019 ވަނަ އަހަރުން ފެށިގެން ޝާރކް ވޮޗިންގއަށް 14.4 މިލިޔަން ޑޮލަރ، މަންތާރޭ ބެލުމާއި އެކްސްކާޝަން އަދި ގުޅުންހުރި މޫދު ހަރަކާތްތަކުން 227.3 މިލިޔަން ޑޮލަރ އަހަރީ އެވްރެޖެއްގެ ގޮތުގައި ލިބޭކަމަށް ބެލެވެއެވެ." ތަފާސްހިސާބުތަކުގެ އަލީގައި ޒަރިޔަންދު ވިދާޅުވިއެވެ.



އެހެންކަމުން މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ވެށީގެ ރައްކާތެރިކަމަށް އިސްކަންދީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށާއި، އިޤްތިސާދީ ފައިދާއަށް ބުރަދަން ދިނުމަށް ޒަރިޔަންދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ޒަރިޔަންދު މިހެން ވިދާޅުވެފައިވާއިރު، ރަސްމާލެ މަޝްރޫޢުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކައި، 25،000 ގޯތި ދޫކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެެވެ. މީގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރުމަށް ނިންމަވައި، އެކަމުގެ އުސޫލުތައް ވެސް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ



ކިޔުންތެރިންގެ ހިޔާލު