ރައީސް ޑރ މުހައްމަދު މުއިއްޒު-
ރައީސް ޑރ މުހައްމަދު މުއިއްޒު-
"ޕްރޮޖެކްޓް އައިލާ"ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

މިއީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި އެސް.އީ.ޒެޑެއް ތަރައްޤީކުރުމަށް ޓަކައި ކްރިސްޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓްސްއާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅިގެން ރައީސް މުޢިއްޒު ކަނޑައެޅުއްވި އިކޮނޮމިކް ޒޯނެކެވެ.

މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫޢެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި "ޕްރޮޖެކްޓް އައިލާ" ގެ މަސައްކަތް ފެށުމުން، ދިވެހިންނަށް ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި، ޚާއްޞަކޮށް ޒުވާނުންނަށް ފަންނީ ހުނަރު ލިބިގަތުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

"ޕްރޮޖެކްޓް އައިލާ" ގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމުގެ ތެރޭގައި ލަގްޒަރީ ވިލާތަކާއި ހައި-އެންޑް ހޯމްސް ހިމެނޭ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ތަރައްޤީކުރުން ހިމެނެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކުރުމާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ޤާއިމުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިޒޯޓް، ހޮޓެލް އަދި މެރީނާއެއް ޤާއިމުކުރުމުގެ ހުއްދަ ވެސް މި ޕްރޮޖެކްޓުގެ ދަށުން ދެވިފައިވެއެވެ. ހަމައެއާއެކު ތިމާވެށްޓާ ރައްޓެހި ގޮތަކަށް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދެވިފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ޒޯނުގައި ކުނި މެނޭޖްކުރުމަށް ޤާއިމުކުރެވޭ އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝިއަންޓް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތަ އަކީ އިޢާދަކުރަނިވި ހަކަތައަށް ވާންޖެހޭނެކަމަށް ކަނޑައަޅާފައިވެއެވެ.

ހަމައެހެންމެ ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތި މަދުކޮށް، ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ޤާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށް ޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއަކަލްޗަރުގެ ވަސީލަތްތައް ޤާއިމުކުރުމަށްވެސް މި ޕްރޮޖެކްޓްގެ ދަށުން ހުއްދަ ދެވިފައިވެއެވެ. އަދި މިޒޯންގައި ދިރިއުޅޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ޒޯންގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ހުއްދަ ދެވިފައިވެއެވެ.

ރައީސް އޮފީހުން ބުނީ މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ޤަރާރުގައި ހިމަނައި، ޒޯނުގައި ހިންގާ ވިޔަފާރިތަކުގެ ވިޔަފާރި އާމްދަނީން ޓެކްސް ނެގޭނެ އުސޫލު ބަޔާންކުރުމުގެ އިތުރުން، އެސް.އީ.ޒެޑެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ގަރާރުގެ ބައެއްގެ ގޮތުގައި ޝާއިއުކޮށްފައި ވާނެ ކަމަށެވެ.

ނ. އަތޮޅުގައި ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްގީކުރަން މިއަދު ސޮއިކުރި، 12 ބިލިއަން ރުފިޔާގެ އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ އިންވެސްޓަރަކީ ކްރިސްޓަލް ހޯލްޑިންސްއެވެ. އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އަދި، ކްރިސްޓަލް ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕެރަޓް ކްރިސްޓިކެވެ.



ކިޔުންތެރިންގެ ހިޔާލު