ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ހުކުރު ޚުޠުބާއަކީ ކޮންމެހެން އެއް މައުޟޫޢަކަށް ލިޔެގެން ހުރިހައި މިސްކިތެއްގައި އެއްގޮތަކަށް ކިޔަންޖެހޭ އެއްޗެއް ނޫން ކަމަށާއި، ޚުދުމުޚުތާރު ވެރިންނަށް ނަޞޭޙަތް ދިނުމަކީ ޚަޠީބުންގެ ޒިންމާއެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. އަޙްމަދު މިހެން ވިދާޅުވެފައިވާއިރު، ހުކުރު ހުތުބާ ލިޔާނެ މައުޟޫއުތައް ހޯދަން އާންމުންގެ ހިޔާލަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައިފައެވެ.

އެކަމާ ގުޅިގެން މީސްމީޑިއާ މެދުވެރިކޮށް ޙިއްސާކުރެއްވި މެސެޖެއްގައި ޑރ. އަޙްމަދު ވިދާޅުވީ، ހުކުރު ޚުޠުބާ ދެވޭ ފެންވަރުގެ ޢިލްމާއި ޤާބިލުކަން ލިބިގެންވާ ކޮންމެ މީހަކަށް ޚުޠުބާ ދިނުމުގެ ހުއްދަ ދޭންޖެހޭ ކަމަށެވެ. އަދި އެ މީހަކަށް ފެންނަ، އެއިރެއްގެ ޙާލަތާ ގުޅޭ މައުޟޫޢެއް އިޚުތިޔާރު ކުރުމުގެ މިނިވަންކަން ޚަޠީބުންނަށް އޮންނަންޖެހޭނެކަން ޑރ. އަޙްމަދު ފާހަގަކުރެއްވިއެވެ.

ޑރ. އަޙްމަދު ވިދާޅުވީ، ޚުޠުބާގެ މައުޟޫޢަކީ ހަމައެކަނި މަކާރިމުލް އަޚުލާޤާއި ގުޅިފައިވާ މައުޟޫޢަކަށްވާން ނުޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި، ވެރިންނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ މިޒަމާނުގެ ޚުޠުބާތަކުގައި ކޮންމެހެން ހިމެނެންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މިކަމަށް ބާރުދެއްވަމުން، ޚުލަފާއުއް ރާޝިދޫންގެ ސީރަތަށް ބެލުމުންވެސް ވެރިންނަށް ނަޞޭޙަތްތެރިވުމުގެ މުހިންމުކަން އެނގިގެންދާ ކަމަށް ޑރ. އަޙްމދު ވިދާޅުވިއެވެ.

ޚާއްޞަކޮށް ޚުދުމުޚުތާރު ވެރިންނަށް ނަޞޭޙަތް ދިނުމަކީ ޚަޠީބުންގެ މައްޗަށް އޮތް ޒިންމާއެއްކަން ފާހަގަކުރައްވަމުން ޑރ. އަޙްމަދު ވިދާޅުވީ، ސަރުކާރުން ލިޔެ އެއްގޮތަކަށް ތައްޔާރުކޮށްފައިވާ ޚުޠުބާ ކިޔުން ލާޒިމްކުރަނީ ޢާންމުގޮތަކަށް ފިކުރާއި ރައުޔުގެ މިނިވަންކަން ނޯންނަ ޤައުމުތަކުގައި ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ޑރ. އަޙްމަދު ވަނީ، މިނިވަންކަމާއެކު ދީނީ ނަޞޭޙަތް ދިނުމުގެ ފުރުޞަތު ޢިލްމުވެރިންނަށް އޮތުމަކީ މުޖުތަމަޢު އިޞްލާޙު ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު