ހުސައިން ސަނީ އުމަރު
ހުސައިން ސަނީ އުމަރު
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ހުސައިން ސަނީ އުމަރު ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

"ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް ޙަރަކާތްތެރިވި ހުސައިން ސަނީ އުމަރު އޭނާގެ އަންހެނުންގެ ޢާއިލާގެ 3 ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ރާއްޖެ ދޫކޮށް ފިލާފައެވެ. އޭގެ ފަހުން އަނިޔާ ލިބުނު ކުދިންގެ އާއިލާގެ ފަރާތުންވަނީ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

އޭނާ ޑިސެމްބަރު 1 ވަނަ ދުވަހު މާލެ އައުމާއެކު މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ފުލުހަށް ހާޒިރުކުރިއެވެ. ނަމަވެސް އޭނާ ވަނީ އެދުވަހު ސުވާލުކުރުމަށްފަހު ދޫކޮށްލާފައެވެ. އަދި އޭނާ އަލުން ހައްޔަރުކޮށްފައިވަނީ ހަމަ އެރޭ، ރާއްޖެއިން ބޭރަށް ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ ބަންދަށް އެންމެ ފަހުން ޖަހައިފައިވަނީ 30 ދުވަހެވެ. އެ މުއްދަތު އިއްޔެ ހަމަވުމާއެކު މިއަދު އޭނާގެ ބަންދު މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ވަނީ ގެންގޮސްފައެވެ. ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ.

ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން މީގެކުރިން ބުނެފައިވަނީ، ސަނީގެ ބަންދު މުއްދަތު ޖެހުމަށް ހުށައެޅީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، 33 ވަނަ މާއްދާ އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު