އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދެ ބިލިއަން ރުފިޔާގެ ބޮޑު ލޯނެއް ނަގައިގެން ތަރައްގީކޮށްފައިވާ ތަނަކަށް ވާއިރު، އެތަނަށް މިހާރު ލިބޭ އާމްދަނީން އެ ލޯނު އަނބުރާ ދެއްކޭނެ އެއްވެސް މަގެއް ނެތް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އަމްރު ފާހަގަކުރެއްވި ގޮތުގައި، އެއާޕޯޓަށް ބޭނުންވާ ވަރަށް ފްލައިޓްތައް ނާންނަ ނަމަ، ލޯނު ދެއްކުމާއި އެތަން ހިންގުމުގެ ބޮޑު ޚަރަދު އުފުލަން ޖެހޭނީ ރައްޔިތުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއާޕޯޓު ސަރަހައްދީ އެއާލައިން ހަބަކަށް ހެދުމަށް ވަކާލާތު ކުރައްވަނީ ވެސް، ލޯނު އަނބުރާ ދެއްކޭނީ އެއާޕޯޓު އަމިއްލައަށް ހިންގައިގެން ނޫން ކަމަށާއި، އެއީ އެތަނުގެ ބޭނުންކުރާ މިންވަރު އިތުރުކޮށްގެން ކަމަށްވާތީ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު މިހެން ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ބޭރު ބަޔަކަށް ނުދޭނެ ކަމަށާއި އެތަން، ހިންގާނީ ސަރުކާރުން ކަމަށް ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވި ހަބަރެއް ޓެގް ކުރައްވައި "އެކްސް"ގައި ކުރެެއްވި ޕޯސްޓެއްގައި އެވެ.

އެއާޕޯޓު ހިންގާނެ ބަޔަކު ކަނޑައެޅުމުގެ ކުރިން ސަރުކާރުން މުހިންމު ސުވާލުތަކަކަށް ޖަވާބުދޭން ޖެހޭ ކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން ލޯނާއި ލިބޭ ގެއްލުމަށް ފައިސާ ދައްކާނީ ކޮން ފަރާތަކުންތޯ އާއި، ފްލައިޓްތައް އިތުރުކުރާނީ ކޮން ގޮތަކަށްތޯ އާއި، އެއާޕޯޓަށް ފައިދާވާން ފަށާނީ ކޮން އިރަކުންތޯ އަދި އެތަން ނާކާމިޔާބުވެއްޖެ ނަމަ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ އޭނާ ސުވާލު ކުރެއްވިއެވެ. ދައުލަތަށް ބުރަވާނެ، ގެއްލުމުގައި ހިންގާ އިތުރު އެސްއޯއީއެއް މިހާރު ރާއްޖެއަށް ތަހައްމަލު ނުކުރެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ތަރައްގީ ކުރަން ފެށި ޒަމާނީ އެއާޕޯޓް ހުޅުވީ, މިދިޔަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ އެއާޕޯޓު ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ.



ކިޔުންތެރިންގެ ހިޔާލު