މަޑޫރޯ ހައްޔަރު ކުރުން
މަޑޫރޯ ހައްޔަރު ކުރުން
އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކާއި، އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނާ ބުނުމާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން ފަށައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުންނާއި ގާނޫނު ހަދާ މަޖިލިސްތަކުން އިންޒާރު ދެމުންދަނީ، މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަދި ސަރަހައްދީ ހަމަޖެހުން ގެއްލިދާނެ ފަދަ ނުރައްކާތެރި އަމަލެއް ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ މި ހަރަކާތުގައި އިނގިރޭސިވިލާތުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. "އަޅުގަނޑު ބޭނުންވަނީ އެންމެ ފުރަތަމަ ހަގީގަތް އޮޅުންފިލުވަން. ރައީސް ޓްރަމްޕާއި އިއްތިހާދީ ގައުމުތަކާ ވާހަކަދައްކަން އަޅުގަނޑު ބޭނުންވޭ. އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އެންމެންވެސް އިހުތިރާމް ކުރަންޖެހޭނެ ކަމަށް،" ސްޓާމަރ ވިދާޅުވިއެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ބުނީ ވެނެޒުއޭލާގެ މަސްރަޙު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ކަމަށެވެ. އަދި މަސްރަޙު އިތުރަށް ގޯސްވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކަކުންވެސް ކެތްތެރިކަން އިސްކުރުމަށް ތުރުކީން ވަނީ ގޮވާލާފައެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން މި މައްސަލައަށް ހައްލެއް ހޯދުމުގައި އެހީތެރިވާން ތުރުކީ ތައްޔާރަށް އޮތްކަންވެސް ހާމަކުރިއެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީން މި ހަމަލާތައް ސިފަކޮށްފައިވަނީ "ހަތިޔާރު އެޅި އުދުވާނެއް"ގެ ގޮތުގައެވެ. ވޮޝިންޓަނުން ދައްކާ ބަހަނާތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ރަޝިޔާއިން ބުނެފައިވެއެވެ. މޮސްކޯއިން ވަނީ މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމަށް ގޮވާލައި، ބައިނަލްއަގުވާމީ އުސޫލުތަކަށް ތަބާވުމަށް ބާރުއަޅާފައެވެ.

އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ، ދުޝްމަނުން ގައުމެއްގެ މައްޗަށް ގަދަބާރު ދައްކަން މަސައްކަތްކުރާ ހިނދު، އެކަމާ ދެކޮޅަށް ސާބިތުކަމާއެކު ތެދުވަންޖެހޭނެ ކަމަށެވެ. "މާތްﷲ ގެ ރަޙުމަތާއެކު، އަދި ރައްޔިތުންގެ އެހީތެރިކަމާއެކު އަހަރެމެން ދުޝްމަނުން ކަކޫ މައްޗަށް ތިރިކުރާނަން،" ޚާމަނާއީ ވިދާޅުވިއެވެ.

ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކާނެލް މި ހަމަލާ ސިފަކުރެއްވީ އެމެރިކާއިން ހިންގި "ޖިނާއީ އަމަލެއް"ގެ ގޮތުގައެވެ. އޭނާ ވިދާޅުވީ މިއީ ވެނެޒުއޭލާގެ ހިތްވަރުގަދަ ރައްޔިތުންނާ ދެކޮޅަށް ހިންގި "ދައުލަތުގެ ޓެރަރިޒަމް" ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު