ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
އޮންލައިންކޮށް ޖުވާކުޅުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަދަބު ކަނޑައަޅައި، އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަނީ މުޖުތަމައު އިސްލާހު ކުރުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، މިހާރުގެ "ޖެންޒީ" ޖީލުގެ ގިނަ ބަޔަކު އޮންލައިންކޮށް ޖުވާކުޅުމުގެ ނުރައްކާތެރި އާދައިގައި ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، އެކަން މަނާކުރުމަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަމަކަށް ނުވި ނަމަވެސް، އެއީ މިއަދު ކުރަންޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އިންޓަނެޓާއި ސޯޝަލް މީޑިއާގެ މި ޒަމާނުގައި ޖުވާކުޅުން ފަދަ ކަންކަން ހުއްޓުވުމަކީ ގޮންޖެހުންބޮޑު ކަމެއް ކަމަށާއި، ނަމަވެސް، ސަރުކާރުން އަޅަމުންދާ އުނދަގޫ ފިޔަވަޅުތަކުގެ ސަބަބުން މުޖުތަމައު ރަނގަޅުވަމުންދާ ތަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސަައްކަތުން މި ގެނެވޭ، މަގުބޫލުނޫން ދަތި އުނދަގޫ ބަދަލުތަކުގެ ސަބަބުން މުޖުތަމައު އިސްލާހުވަމުންދާ ތަން، ރަނގަޅުވަމުން ދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރުން މީގެ ކުރިން ވަނީ "ވޭޕް" މަނާކޮށް، ޖެނުއަރީ 1، 2007 ގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުމާއި، އެ ކުދިންނަށް ދުންފަތް ވިއްކުމާއި އިސްތިހާރު ކުރުމާއި ދިނުން ވެސް މަނާކޮށްފައެވެ.

ސަރުކާރުން މިއަދު ޤާނޫނުލް އުގޫބާތަށް ހުށައަޅާފައިވާ އިސްލާޙުގައި ވަނީ، ޖުވާ ކުޅުން ނުވަތަ ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައެޅުމެވެ. އެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ. އަދި އެންމެ ބޮޑު އަދަބަކީ 4 އަހަރަށް ޖަލަށް ލުމެވެ. އަދި އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.



ކިޔުންތެރިންގެ ހިޔާލު