ޤާނޫނުއަސާސީއަށް އަތްބޭނުން: މިއީ ސަރުކާރު އަމިއްލައަށް ފަނާވުމުގެ ފެށުން!
ޤާނޫނުއަސާސީއަށް އަތްބޭނުން: މިއީ ސަރުކާރު އަމިއްލައަށް ފަނާވުމުގެ ފެށުން!
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި، ދައުރުން ބޭރުން ކުއްލި ޖަލްސާތަކެއް ބާއްވަން ފެށުމާ ގުޅިގެން، އިދިކޮޅު އެމްޑީޕީން ވަނީ ސަރުކާރަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށް ޖަލްސާތައް ބޮއިކޮޓްކުރަން ނިންމާފައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ތުހުމަތުކުރާ ގޮތުގައި، ގާނޫނުއަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާ ހިލާފަށް، އެކަށީގެންވާ ނޯޓިހެއް ނުދީ މި ޖަލްސާތައް ބާއްވަނީ ސަރުކާރުން ބޭނުންވާ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށްޓަކައި، ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް އަވަސްއަރުވާލައިގެން ގެނައުމަށެވެ. އެމްޑީޕީން ސިފަކުރަނީ މިއީ ސަރުކާރުން އަމިއްލައަށް ފަނާވުމުގެ ފެށުން ކަމުގައެވެ.

މީގެ ތެރޭގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި، ޕެންޝަން ގާނޫނަށް ބަދަލުގެނައުން ފަދަ މުހިންމު ކަންތައްތަކެއް ހިމެނޭއިރު، މިއީ ރައްޔިތުން ތަމްސީލުކުރުމުގެ ހައްގަށް އެޅޭ ބޮޑު ހުރަހެއް ކަމަށް އެ ޕާޓީން ގަބޫލުކުރެއެވެ.

މި އިސްލާހުތަކާ ގުޅިގެން އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފައްދަވަމުންނެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން 10 އަހަރަށް ދަންމާލުމަށް ރައްޔިތުންގެ "ލޮލުގައި އަޅުވާ އަނދުނެއް" ކަމަށެވެ. އަދި މި ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "މި ބާތިލް ސަރުކާރު" ރައްޔިތުން ނިކުމެ ބަދަލު ކުރާނެ ކަމަށް އަފޫރު ވިދާޅުވިއެވެ.

ހަމައެހެންމެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރައްޔިތުންނަށް ލިބިދީފައިވާ ވޯޓުލުމުގެ ބާރު ނިގުޅައިގަތުމަށް ހިންގާ އަމަލެއް ކަމަށެވެ. އަދި ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު ވަނީ، ވެރިކަން ކުރާ ޕީއެންސީން ގާނޫނުއަސާސީއަކީ އެންމެ ދުވަހެއްގެ ބަހުސަކުން ބަދަލުކޮށްލެވޭހާ އަގުދަށް އެއްޗަކަށް ހަދާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގާނޫނާ ހިލާފަށް ބާރުގެ ދަށަށް ގެންނަވާފައެވެ. އަދި އިންތިޚާބުތައް އެއްކޮށްލުމަކީ މަކަރާއި ހީލަތުން ވޯޓު އޮޅުވާލައިގެން ވެރިކަމުގައި ދެމިތިބުމަށް ޖަހާ "ފަހު މޮހޮރު" ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ސިފަކުރެއެވެ.

މި ބަދަލުތަކަކީ ޚަރަދު ކުޑަކުރުމަށް ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެމްޑީޕީން ގަބޫލުކުރަނީ މީގެ ސަބަބުން އިންތިޚާބީ ނިޒާމުގެ ދެފުށް ފެންނަ މިންވަރު ކުޑަވެ، ރައްޔިތުންގެ މިނިވަން ނިންމުންތަކަށް ސަރުކާރުގެ ނުފޫޒު ވަދެގެންދާނެ ކަމަށެވެ. މިހާރު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 12 މެންބަރުންވެސް ގެންދަވަނީ މަޖިލީހުގެ ތަޅުމުގައާއި ސޯޝަލް މީޑިއާގައި މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު