ޕީއެންއެފްގެ އެސްޖީ މަލީހް-
ޕީއެންއެފްގެ އެސްޖީ މަލީހް-
ދެ އިންތިހާބު އެއްކުރުމަށްވުރެ ހަރަދު ކުޑަކުރުމަށް މިނިސްޓްރީތަކުގެ އަދަދު މަދުކުރުން މާ ރަނގަޅު ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ބަލައިގަނެ މަޖިލީހުގެ ކޮމިޓީއަށް މިހާރު ފޮނުވާފައިވާއިރު، ސަރުކާރުގެ ފަރާތުން ބުނަމުންދަނީ މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، އިދާރީ ގޮތުން އިންތިޚާބުތައް ބޭއްވުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި މަލީހް ވިދާޅުވީ ދެ އިންތިހާބު ހަރަދު ކުޑަކުރުމުގެ ގޮތުން އެއްކޮށްލުމަށްވުރެ، މިނިސްޓްރީތަކުގެ އަދަދު 10 އަކަށް ކުޑަކުރުން މާ ރަނގަޅު ކަމަށެވެ.

"އެލްޖީއޭ މިނިސްޓްރީއެއް އޮންނާކަށް ނުޖެހޭ، ޅެން ފަރުވާ މިނިސްޓްރީ ބޭކާރު، ބުޅާ މިނިސްޓްރީއަކީ އިސްރާފެއް، ޔޫތު އާއި ސްޕޯޓްސް 2 މިނިސްޓްރީއަކަށް ވާކަށް ނުޖެހޭ، ވަކިން ތިމާވެށި މިނިސްޓްރީ އޮންނާކަށް ނުޖެހޭ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ބޭކާރު." މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ރައީސް މުއިއްޒުގެ ކިބައިގައި ނެތްކަމަށެވެ.

މަލީހް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ދެ އިންތިހާބު އެއްކޮށްލުމަށް ޤާނޫނު އަސާސީއަށް ގެންނަ ބަދަލުގެ ސަބަބުން އިންތިޚާބީ ނިޒާމުގެ މިނިވަންކަމާއި ދެފުށް ފެންނަ މިންވަރަށް ނޭދެވޭ އަސަރުކޮށް، ރައްޔިތުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު