ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ވެރިކަން ލިބޭ ކޮންމެ ބަޔަކު ވެރިކަމުގައި ތާއަބަދު ތިބުމަށް މަސައްކަތް ފަށައިފިނަމަ ގައުމުގެ ހަނަމުޖެހުން ގެއްލޭނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ފައިސަލް ވިދާޅުވީ ‏ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ‏ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމަށް އޮންނަ ބާރެއް ކަމަށާއި، ޒިންމާދާރު މަޖިލީހެއް އޮތުމުން، އޭގެ ފައިދާ ކުރާނީ ސީދާ ރައްޔިތުުންނަށް ކަމަށެވެ.

‏ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ޤާނޫނު އަސާސީ އާއި، ޤާނޫނު ތަކަށް ގެންނަމުންދާ ބަދަލު ތަކަކީ، ހުރިހާ ބާރު ތަކެއް ވެރިކަން ކުރާ ފަރާތުގެ މުށު ތެރެޔަށް ގެނައުމަށް ކުރާ މަސައްކަތެއް ކަމުގައި ފައިސަލް ވަނީ ވިދާޅުވެފައެވެ. މިގޮތަށް މިކަން ކުރުމުން މިނިވަން މުއައްސަސާ ތަކުގެ މުސްތަޤިއްލުކަން ގެއްލި، ސީދާ ސަރުކާރުގެ ނުފޫޒު މުއައްސަސާ ތަކުގެ މައްޗަށް ގަދަވެގެން ދާކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި މިކަހަލަ ބަދަލު ތަކުން ރައްޔިތުންނަށް ވާނެ މޮޅެއް އޮންނާނެ ކަމަކަށް ނުފެންނަ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

މިކަމުން ހާސިލް ވަނީ ‏ހަމައެކަނި ވެރިކަން ދިފާއުކޮށް، ބޭނުންވާ ބަޔަކަށް ފައިދާ ހޯދައި ދިނުން ކަން ފާހަގަކުރަމުން ފައިސަލް ވިދާޅުވީ ސަރުކާރުގެ އަމަލުތައް ބައްޓަން ކުރަން ވާނީ މުޅި ޤައުމާއި، ރައްޔިތުންގެ މަސްލަޙަތަށް އިސްކަން ދެވޭ ގޮތަށް ކަމަށެވެ.

ފައިސަލް ވިދާޅުވީ ‏ދައުލަތުގެ ޚަރަދު ކުޑަ ކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ބޭކާރު ގޮތުގައި ކުރެވޭ ކަންކަމާއި، ސީދާ އެކަމުން ޤައުމަށް ފައިދާ ނުވާ ކަންކަން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް ކުރާނެ މަސައްކަތެއް ނެތި، ސިޔާސީ މަޤާމު ތަކަށް އެއްވެސް އިމެއް އަދި މިނެއް ނެތި މީހުން ގިނަ ކުރުމުން، ޚަރަދު ކުޑަ ކުރުމުގެ ވިސްނުން ސަރުކާރުގައި ހުރީ ކިހާ ވަރަކަށްތޯ އެބަ އެނގޭ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

"ޤާނޫނު އަސާސީ އާއި ޤާނޫނު ތަކަށް ވަކި ބަދަލު ތަކެއް ގެނެސްގެން، އިންތިޚާބު ކާމިޔާބު ކުރަން މަގު ފަހި ކުރުމަކީ އޭގައި ވަރަށް ގޯސް ކަންތައްތަކެއް ހިނގާނެ ކަމެއް. ‏ވެރިކަން ލިބޭ ކޮންމެ ބަޔަކު، ވެރި ކަމުގައި ތާ އަބަދު ތިބުމަށްޓަކައި މަސައްކަތް ފަށައިފި ނަމަ، އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށްކޮށް، ޤައުމުގެ ހަމަޖެހުން ގެއްލި އަދި އިޤްތިޞާދަށް ލޮޅުން އަރާނެ. މިހާރު އަޅުގަނޑުމެންނަށް އެކަން އެބަ އިޙުސާސް ކުރެވޭ. މިއީ ޤައުމަށް އުފާވެރިކަން ހޯދައި ދިނުމެއް ނޫން. މިއީ ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް، އަމިއްލަ ދަހިވެތި ކަމުގައި ވައްޓާލުން." ފައިސަލް ވިދާޅުވިއެވެ.

އެހެންކަމުން ޤައުމާއި ރައްޔިތުންގެ މަސްލަހަތު އިސް ކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފައިސަލް ވަނީ ގޮވާލާފައެވެ.

އަދި ރައްޔިތުންގެ މަސްލަހަތު އިސްކުރެއްވުމަށް ކުރަންވީ ބައެއް ކަންތައްވެސް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ؛

- ރައްޔިތުންގެ މަޖިލީހުގެ މުސްތަޤިއްލުކަން ވަކި ބާރެއްގެ ގޮތުގައި އޮންނަ އޮތުން އެގޮތަށް ބޭއްވުން. މަޖިލީހަށް ގެންނަ ބަދަލަކީ މަޖިލީހުގެ އަދަދު މަދުކޮށް، އަދި މުޅި އަތޮޅުން ވޯޓު ލައިގެން ހޮވާ ބަޔަކަށް ހެދުން.

- މިނިވަން މުއައްސަސާ ތަކަށް މީހުން އައްޔަން ކުރުމުގެ ދައުރަކީ މަޖިލީހުން މިނިވަންކަމާ އެކު ކުރާ ކަމެއްގެ ގޮތުގައި ބޭއްވުން.

- ފުރިހަމަ މިނިވަން ޖުޑިޝަރީ އަކަށް މަގު ފަހި ކުރުމަށްޓަކައި، ސިޔާސީ މީހުން ޖޭއެސްސީގައި ހިމަނާ ހިމެނުން ދޫކޮށް، ފަނޑިޔާރުންނަށް ފުރިހަމަ މިނިވަަންކަމާ އެކު މަސައްކަތް ކުރެވޭނެ މަގު ފަހި ކުރުން.

- ދައުލަތުގެ މަޤާމުތައް ދިނުން އިންސާފުވެރިކަމާ އެކު ތައުލީމާއި ތަޖުރިބާ އަށް އިސްކަން ދީގެން ކުރިއަށް ގެންދެވޭނެ ގޮތެއް އޮތުން. ވަކި އާއިލާ އަކަށް، ނުވަތަ ނިސްބަތްވާ ވަކި ފަރާތަކަށް ނުބެލުން.

- އެއް ސަރުކާރުން އަނެއް ސަރުކާރަށް ނަގުލުވާ ކަންކަން ސިޔާސީ ނުކޮށް، ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުން.

- އާންމުންގެ ހައްގު ތަކަށް އިޙުތިރާމްކޮށް، ދައުލަތުން އާންމު މީހާ ވެސް ބާކީ ނުކޮށް، އޭނާގެ ޙައްޤު އަދާ ކޮށްދިނުން.

- ދުވާލަކު ގޮތަކަށް ޤައުމީ ތަރައްޤީގެ މަޝްރޫއުތައް ބަދަލު ނުކޮށް، ދިގު ރާސްތާ އަކަށް އަމާޒު ކޮށްގެން މަޝްރޫއުތައް ރޭވުން.

- ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުުރު ކުރުން. ޚާއްސަކޮށް މިހާރު ބޭރު މީހުން އަދާ ކުރަމުންދާ ބޮޑެތި އާމްދަނީ ލިބޭ ފަދަ މަޤާމުތައް ދިވެހިންނަށް ލިބޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުން.

- ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރުވުން. ބޭރުގެ ފަރާތް ތަކަށް އެއްކޮށް ބަދަލު ވެގެންދާ ވިޔަފާރިތައް ދިވެހިންގެ އަތް މައްޗަށް އަންނާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރުން.

- ދިވެހި ރާއްޖޭގެ ސަރަހައްދީ ތަރައްޤީ އަށް އިސްކަން ދިނުން. ޚާއްސަކޮށް ޞިއްޙީ، ތައުލީމު އަދި ދިރިއުޅެވޭނެ ގޮތްތައް އަވަސް ފުރުސަތެއްގައި ފަހިވުން.

- ޤާނޫނު އަސާސީ އާއި ޤާނޫނު ތަކަށް ކުއްލި ބަދަލު ގެނައުން ހުއްޓާލައި، ޒިންމާދާރު ކަމާ އެކު މިފަދަ މަސައްކަތް ކުރުން. އަދި ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ، އެހާ ފަސޭހަ އިން ކުރެވޭ ކަމެއްގެ ގޮތުގައި އޮތް އޮތުމާ މެދު ވިސްނައި، ޤައުމަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯދުން.



ކިޔުންތެރިންގެ ހިޔާލު