ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން
ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަކީ ޚަރަދު ކުޑަކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަލީ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން އެންމެ ފުރަތަމަ ބޭނުންވީ ރައީސް މުޢިއްޒުގެ ދައުރު ދަންމާލުމަށެވެ. ނަމަވެސް އެކަމަށް މަޖިލިސް މެންބަރުން އެއްބަސްނުވުމުން، ދެން އުޅެނީ މަޖިލިސް މެންބަރުންގެ ދައުރުން ހަ މަސް ދުވަސް ކަނޑާލައި، ރިޔާސީ އިންތިޚާބާ އެކު މަޖިލިސް އިންތިޚާބު ބާއްވަން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ރައީސް މުޢިއްޒަށް ޙަޤީޤަތުގައި މި ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ވަރަށް ބޮޑަށް ގެއްލިއްޖެކަން މިހާރު އެބަ އެނގޭ،" އަލީ ހުސެއިން ވިދާޅުވިއެވެ.

މީގެ އިތުރަށް އަލީ ހުސެއިން ވިދާޅުވީ، މީގެ ކުރިން ޕާޓީން ނިންމާ ގޮތާ ޚިލާފުވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި ނަމަވެސް، މިއަދު ރައީސް ބޭނުންވާހާ ގޮތަކަށް އިސްލާހުތައް ނުގެނެވޭނެކަން މެންބަރުން ސާބިތުކޮށްދީފައިވާ ކަމަށެވެ. ގާނޫނުއަސާސީއަށް ގެންނަ ބައެއް އިސްލާހުތައް ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމި ނިންމުމަށް އަލީ ހުސެއިން ތާއީދު ކުރެއްވިއެވެ. ނަމަވެސް، މީގެ ކުރިން ގެނައި އިސްލާހުތަކުގައި ރައްޔިތުންގެ ގާތަށް ނުގޮސް ތަސްދީގު ކުރެއްވީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

"ގާނޫނުއަސާސީއަށް ގެނެވޭ ކޮންމެ ބަދަލެއް އެ ރައްޔިތުންގެ ވޯޓެއް ނެތި ގެނައުމަކަށް އަޅުގަނޑު ތާއީދެއް ނުކުރަން. ރައްޔިތުންގެ ބަހެއް އޮވެގެން ގާނޫނު އަސާސީ އަށް ކޮންމެ އިސްލާހެއް ވެސް ގެންނަން ޖެހޭނީ،" އަލީ ހުސެއިން ވިދާޅުވިއެވެ.

ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ އޭނާ ސާފުކޮށް ދެކޮޅު ހައްދަވާ ކަމަށެވެ. މި އިސްލާހުތައް ގެނައުމަށް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވަނީ އެއްވެސް ޚާއްސަ ހާލަތެއް ދިމާވެގެން ނޫން ކަމަށާއި، މިއީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ކަމަށް އަލީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު