ރައީސް ޔާމީން
ރައީސް ޔާމީން
މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ފާޑުކިޔުންތައް އަމާޒުކުރެއްވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޑީޕީ ވޯލްޑާ ހަވާލުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި "ޓައުން ހޯލް" ބައްދަލުވުމެއްގައެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ އެއާޕޯޓުތަކަކީ ދުވަހަކުވެސް ގެއްލުންވާނެ ތަންތަނެއް ނޫނެވެ. ބޭރުގެ ބޯޓުފަހަރު ޖައްސާ ކޮންމެ އެއާޕޯޓަކީ ފައިދާވާނެ ތަނެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެތަންތަނުން ލިބޭ ނަފާ ބިނާވެފައި އޮންނާނީ މެނޭޖުމަންޓުގެ ހިންގުންތެރިކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން، މިފަދަ ފައިދާހުރި ތަނެއް ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމަކީ ހިންގުމުގެ ނިޒާމުގެ ތެރެއިން ހިންގާ ބޮޑު "ޖަރީމާއެއް" ނުވަތަ "ވައްކަމެއް" ގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތުހުމަތު ކުރައްވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް "ހަރާމް" ކަމެއް ކުރުމަށްފަހު، އެކަމުގައި "ހަލާލު" ސިފައެއް ޖެއްސުމަށް ކަމަށެވެ. އަދި ތަނެއްގެ މިލްކުވެރިކަން ދޫކޮށްލުމަށްފަހު، އެތަނެއްގައި ވަކި ފެންވަރެއްގެ ބަޔަކު ގެންގުޅުމަށް ބުނެ "ޑިކްޓޭޓް" ކުރުމުގެ ބާރު ދިވެހި ސަރުކާރަށް ދެން ނޯންނާނެ ކަމަށްވެސް އެމަނިކުފާނު އިންޒާރު ދެއްވިއެވެ.

މި މައްސަލައަކީ ގައުމީ ސަލާމަތާ ސީދާ ގުޅުންހުރި ކަމެއްކަން ފާހަގަކުރައްވައި، ރައީސް ޔާމީން ވަނީ ދިވެހި ސިފައިންނަށް ޚާއްޞަ އިލްތިމާސެއް ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ސިފައިންނަކީ ހަމައެކަނި ބޭރުގެ އުދުވާނީ ހަމަލާތަކަށް ތައްޔާރުވާން ތިބޭ ބައެއްގެ ބަދަލުގައި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަންނަ މިފަދަ ނުރައްކާތަކަށް ހޭލުންތެރިވާންޖެހޭ ބައެއް ކަމަށެވެ. ހަނިމާދޫ އެއާޕޯޓް އިންޑިއާ ބަޔަކަށް ދިނުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފައިން ގަބޫލުކޮށް، އެކަމާ މެދު ފުންކޮށް ވިސްނަންޖެހޭނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު