ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު (ޑިޕްރެޝަން) ހުކުރު ދުވަހުގެ އިރުއޮއްސި 5:30 އާއި ރޭގަނޑު 11:30 އާ ދެމެދު ސްރީލަންކާގެ އައްސޭރިފަށަށް އަރާނެ ކަމަށް އެ ގައުމުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ލަފާކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ މީޑިއާ ބްރީފިންއެއްގައި މީޓިއޮރޮލޮޖީގެ ޑިރެކްޓަރު ޖެނެރަލް އަތުލާ ކަރުނަނަޔަކަ ވިދާޅުވީ، މި ކޮޅިގަނޑު މިހާރު ހުރީ ޕޮޓުވިލްގެ އިރުން ގާތްގަނޑަކަށް 350 ކިލޯމީޓަރު ދުރުގައި ކަމަށާއި، މި ނިޒާމު ދަނީ މަޑުމަޑުން ވަރުގަދަވަމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި މޫސުމީ ނިޒާމު އަރާނެ ކަމަށް ބެލެވެނީ ސްރީލަންކާގެ އިރުދެކުނު އައްސޭރިފަށުގެ ކަލްމުނާއީ އާއި ހަމްބަންޓޯޓާއާ ދެމެދުގެ ސަރަހައްދަކަށެވެ. ނަމަވެސް، މިހާތަނަށް ބެލި ބެލުމުން މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ކަރުނަނަޔަކަ ފާހަގަކުރެއްވިއެވެ.

"ރަސް އޮންލައިން"ނަށް ރާއްޖޭގެ މޫސުމާއިބެހޭ އިދާރާގެ އޮފިޝަކަކުވެސް ވަނީ މި ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

މި ނިޒާމުގެ ސަބަބުން ލަންކާގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގަދަވަޔާއެކު މޫސުން ގޯސްވާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު