އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑަައިގަންނަވަނީ
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑަައިގަންނަވަނީ
ފޮރިން ސާވިސްއަށް އައްޔަންކުރަންވީ އެ ދާއިރާއިން ރަސްމީ ތައުލީމް ލިބިފައި ތިބި މީހުން އެކަނި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ދިފާއުއަށް ވާން ޖެހޭނީ ހާރިޖީ ސިޔާސަތު ކަމަށެވެ. ގައުމުގައި މިނިވަންކަން ދެމެހެއްޓުމުގެ ފުރަތަމަ ދިފާއީ ރޮނގަކީ ފޮރިން ސާވިސް އަދި އެ ސާވިސްގެ ގާބިލުކަމާއި ހުޝިޔާރުކަމުގެ ހުނަރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފޮރިން ސާވިސް ދާއިރާގެ ރަސްމީ ތައުލީމް ލިބިފައިތިބި މީހުން އެކަނި ފޮރިން ސާވިސްއަށް އައްޔަންކުރާ ގޮތަށް ގާނޫނުގައި ކަނޑައެޅުމުން ޒަމާންވީ ގުޅުންތަކަށް ކުރާ ނޭދެވޭ އަސަރުތައް މަދުވާނެ ކަމަށެވެ.

"ފޮރިން ސާވިސްއަށް އެ ދާއިރާގެ ފޯމަލް އެޑިއުކޭޝަނެއް ލިބިފައިވާ ފަރާތެއް ނޫނީ އައްޔަނު ނުކުރެވޭނެ ހެން ޤާނޫނުގައި ކަނޑައެޅުން ރަނގަޅުވެދާނެކަމަށް ފެނޭ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ފޮރިން ޕޮލިސީ ވާން ޖެހޭނީ ވީހާ ގިނަ ބަޔަކާ ނުޖެހި، ހާއްސަކޮށް އަވަށްޓެރިންނާ ގުޅިގެން އުޅެވޭނެ ސިޔާސަތަކަށް ކަމަށެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަތަކެއް ދައްކާފައިވާ ދަނޑިވަޅެއްގައެވެ.

ސަފީރު މަސްއޫދު އިމާދު ދާދިފަހުން މީޑިއާގައި ވިދާޅުވެފައިވަނީ، ލަންކާއަށް އެތެރެވާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި، ވިސާގެ ކަންކަމުގައި ވެސް ދަތިތައް ކުރިމަތިކުރަމުންދާ ކަމަށެވެ.

ލަންކާ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވިދާޅުވީ ދިވެހީންނާ މެދު "ދޮންމަންމަ"އެއް ކަންކުރާ އުސޫލުން ލަންކާއިން ކަން ކުރާ ކަމަށެވެ.

ދިވެހީންނަށް އެ ދަތިތައް ތަކުރާރުކުރުވާނަމަ ރާއްޖޭގައި ތިބި ލަންކާ ރައްޔިތުންނާ މެދު އަމަލުކުރާ ގޮތް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު ވެސް މަސްއޫދު ވަނީ ދެއްވާފައެވެެ.



ކިޔުންތެރިންގެ ހިޔާލު