ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު
ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު
ރަށްތަކުގެ ތަރައްޤީއަށްޓަކައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ އެއްވެސް މަޤްބޫލު ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ އަސްލު ރޫހަކީ ސަރުކާރަށް ބަރޯސާނުވެ، ރައްޔިތުން އަމިއްލައަށް ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭންތައް ތަންފީޒްކުރުން ކަމަށެވެ. އަދި ރަށްވެހި ޚިދުމަތްތައް ތަރުތީބުކޮށް ހިންގުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރެއްކަން ނިޔާޒް ފާހަގަކުރެއްވިއެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ، ރަށްތަކުގެ ތަރައްޤީއަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ނުޖެހޭކަން އައްޑޫ ސިޓީ، ފޯއްމުލަކު ސިޓީ، އަދި ކުޅުދުއްފުށި ސިޓީގެ ތަޖުރިބާ އިން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. އައްޑޫ ސިޓީ، ފޯއްމުލަކު ސިޓީ، އަދި ކުޅުދުއްފުށި ސިޓީގެ މިހާރު ތިއްބެވީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މޭޔަރުންނެވެެ.

ނިޔާޒް މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބާރު ސްޕީޑްގައި ތަރައްޤީ ގެނައުމަށް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކޮށްދިނުމަށް ރައީސް މުޢިއްޒު އެދިވަޑައިގެންފައިވަނިކޮށެވެ. ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ބުރަކި ޖައްސައި، އެ މަޝްރޫއުތަކަށް ހުރަސް އަޅާ ކައުންސިލަރުން ހޮވުމަކީ ވިސްނުންތެރި ގޮތެއް ނޫން ކަމަށާއި އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް ފުރިހަމަ ކުރެވޭނީ އަންނަ އޭޕްރީލް 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓުން ހޮވައިފިނަމަ ތަރައްގީއަށްޓަކައި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތައް މަޑުޖެހި، މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ފަދަ ސިޓީތަކުގެ ތަރައްޤީ މަޑުޖެހޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު